ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ގެންގޮސްފިއެވެ.
އެމަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފައިވަނީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާއި ގުޅިގެން، އެމަނިކުފާނުގެ އަމިއްލަ ފުޅު އެކައުންޓަށް ފައިސާ ލޯންޑާ ކުރި މައްސަލައިގެ ހެކި ނައްތާލައްވަފާނެތީ މައްސަލަ ބަލައި ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓައި ދިނުމަށް ދައުލަތުން ކުރިމިނަލް ކޯޓުގައި އެދުމުން، އެ ކޯޓުން ކުރި އަމުރާއެކުގައެވެ.
މި މައްސަލއިގެ ފުރަތަމަ އަޑުއެހުން މިއަދު 1:30 ގައި ބާއްވާ، 2 ގަޑި އިރާއި 30 މިނެޓް ފަހުން ދެފަރާތުން ދެއްކި ވާހަކައިގެ މައްޗަށް ރިއާޔަތްކޮށް، ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އަމުުރުކުރެއްވީ ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރުކުރުމަށެވެ. ޔާމީން ހައްޔަރުކުރުމުގެ އަމުރެއް ގާޒީ ހައިލަމް އިއްވެވީ، ޔާމީން މި މައްސަލައިގެ ހެއްކަށް ފޯރުވުމަށް މަސައްކަތް ކުރައްވާފައިިވާ ކަމަށް ކޯޓުގައި ވިދާޅުވެ، މައްސަލަ ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބެހެއްޓެވުމަށް އެދިވަޑައިގަތުމުންނެވެ.
ވަކީލާގެ މި ވާހަކަތަކަށް ރިއާޔަތްކޮށް، ގާޒީ ހައިލް އަމުރުކުރެއްވީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ގޮތެއް ނިމެންދެން ރިމާންޑް ޖަލެއްގައި ޔާމީން ބެހެއްޓެވުމަށެވެ. ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރިއެވެ.
އަދި މި މައްސަލައިގައި ޔާމީނާއި، ޔާމީންގެ ވަކީލާ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި، ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފުލުހުން ވަނީ ފޮނުވާފައެވެ.
އޭސީސީން މިދިޔަ ހަފްތާގައި އާންމުކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވާގޮތުން، އިސްލާމިކް ބޭންކުގައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް ދެ ފަހަރެއްގެ މަތިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކޮށްފައިވެއެވެ.
އަދި މި އެކައުންޓް އިސްލާމިކް ބޭންކުގައި ހުޅުވާފައިވަނީ އެ ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.ޔާމީންގެ އެކައުންޓަށް ޖަމާވި ޝައްކު އުފެދޭ ފައިސާ އޭސީސީއާއި ހަވާލުކުރަން އެދުމުން އެކަމަށް ފުރަތަމަ އެމަނިކުފާނު އިންކާރު ކުރެއްވި ނަމަވެސް، ފަހުން އޭސީސީއާއެކު ހަދާފައުވާ އެސްކްރޯ އެކައުންޓަކަށް އެފައިސާ ވަނީ ޖަމާކޮށްފައެވެ.މި ދައުވާއަށް ޔާމީން އިއްކާރުކުރައްވައެވެ.