މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިުޔާނާތުގެ މައްސަލައިގެ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިއްރުކޮށްފައިނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި މައުލޫމާތު ސިއްރު ކުރިކަމަށް ބުނެ އެ ކޮމިޝަނަށް އަމާޒުކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން، އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހާމަކޮށްފައިނުވާ ކަމާއި ތަހުގީގުތައް ފުރިހަމަކޮށްފައިނުވާ ކަމަށް ފަތުަރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފަށް ދައްކަމުންދާ އަދި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަަކަތަކެއްކަމަށް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަ ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ނޫސް ބަޔާނުގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ އިން ފެބްރުއަރީ 2012 އިން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތައް ދޫކޮށްފައިވަނީ ގާނޫނާ ހިލާފަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ކަމަށާއި އަދި އެ ރަށްތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމާއި އެ މައްސަލައިގައި ރިޝްވަތުގެ އަމަލުތަކެެއް ހިންގާފައިވާކަމަށް ބުނާ މައްސަލައަކީ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނައިގެން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށެވެ.
އަދި އެމްއެމްޕީއާރުސީގެ މައްސަލައަކީ އޮކްޓޯޞަރު 27، 2015 އިން ޖުލައި 31، 2017 އާއި ހަމައަށް ތަހުގީގުކޮށްފައިވާ މައްސަލައެއްކަމަށާއި، ތަހުގީގީ ރިޕޯޓު ވަނީ އޮގަސްޓް އެ އަހަރުގެ އޮގަސްޓް މަހުގައި ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ކަމަށެވެ. އަދި މި މައްސަލައިގައި ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީން އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް މިދިޔަ އަަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެކަމަށް އެސީސީ އިން ބުނެއެވެ.
27 ނުކުތާގެ މައްޗަށް އޭސީސީ އިން މިއަދު ނެރެފައިވާ ނޫސްބަަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލައާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް މައްސަލަ ބަލާ ދިނުމަށް ފޮނުވާފައިވާނެ ކަމަށާއި، އެހެން ނަމަވެސް، އެ މުއައްސަސާތަކުން އެކަމާއި އަޅާލާފައި ނުވާ ކަމަށެވެ.