ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މިގޮތަށް އަމުރުކޮށްފައިވަނީ މައްސަލަ އާއި ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ. ޔާމީންގެ މައްޗަށް މައްޗަށް އުފުލާފައިވަނީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަމިއްލަ ފުޅު އެކައުންޓަށް ފައިސާ ލޯންޑާ ކުރި މައްސަލައިގައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 1:30 ގައި ބާއްވާ 2 ގަޑި އިރާއި 30 މިނެޓްފަހުން، ދެފަރާތުން ދެއްކި ވާހަކައިގެ މައްޗަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރު ކުރުމަށެވެ.މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުމަށް ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ވަކީލުގެ މި ވާހަކައަށް ރިއާޔަތްކޮށް، ގާޒީ ހައިލަމް އަމުރުކުރެއްވީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ގޮތެއް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓެވުމަށެވެ.މި މައްސަލަ ފުލުހުން ވެސް ވަނީ ތަހުގީގުކޮށްފައެވެ. އަދި މި މައްސަލައިގައި ދޮގު މައުލޫމާތު ދެއްވާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައެވެ.
އަދި މި ދައުވާ އެމަނިކުފާނުގެ ވަކީލާ އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ވެސް ވަނީ އުފުލާފައެވެ.ދެ ފަހަރެއްގެ މަތިން، ޔާމީން އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަަކަށް ފައިސާ ޖަމާވިކަން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ތަހުގީގީ ރިޕޯޓުން އެނގެއެވެ.

އަދި މި އެކައުންޓް އިސްލާމިކް ބޭންކުގައި ހުޅުވާފައިވަނީ އެ ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.ޔާމީންގެ އެކައުންޓަށް ޖަމާވި ޝައްކު އުފެދޭ ފައިސާ އޭސީސީއާއި ހަވާލުކުރަން އެދުމުން އެކަމަށް ފުރަތަމަ އެމަނިކުފާނު އިންކާރު ކުރެއްވި ނަމަވެސް، ފަހުން އޭސީސީއާއެކު ހަދާފައުވާ އެސްކްރޯ އެކައުންޓަކަށް އެފައިސާ ވަނީ ޖަމާކޮށްފައެވެ.މި ދައުވާއަށް ޔާމީން އިއްކާރުކުރައްވައެވެ.
އަދި އެ ފައިސާއަކީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއެއް އެމަނިކުފާނުގެ އެކައުންޓުގައި ނުހުންނަވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާކަމަށް މީގެ ކުރިން ޔާމީން ވަނީ ވިދާޅުވެފައެވެ.މި މައްސަލައިގެ އިތުރުން ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ މައްސަަލައިގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި 100 މިލިއަން ރުފިޔާ ފުލުުހުން ވަނީ ފްރީޒް ކޮށްފައެވެ.