ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިން ދައުވާގެ އަޑުއެހުމެއް މިއަދު 1:30 ގައި ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފިއެވެ. އަދި މި ދައުވާގެ އަޑު އެހުމަށް ޔާމީން ހާރިރު ކުރުމުގެ އަމުރަކަށް އެދިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މައްސަލައިގެ ލިޔުންތައް އިއްޔެ ހެނދުނު ވަނީ އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފައެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތައި ގުޅިގެން، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އޭގެން ފައިސާ ލޯންޑާ ކުރި މައްސަލައިގައެވެ. މި މައްސަލަ ފުލުހުން ވެސް ވަނީ ތަހުގީގުކޮށްފައެވެ. އަދި މި މައްސަލައިގައި ދޮގު މައުލޫމާތު ދެއްވާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައެވެ. އަދި މި ދައުވާ އެމަނިކުފާނުގެ ވަކީލާ އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ވެސް ވަނީ އުފުލާފައެވެ.
ދެ ފަހަރެއްގެ މަތިން، ޔާމީން އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަަކަށް ފައިސާ ޖަމާވިކަން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ތަހުގީގީ ރިޕޯޓުން އެނގެއެވެ. އަދި މި އެކައުންޓް އިސްލާމިކް ބޭންކުގައި ހުޅުވާފައިވަނީ އެ ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
ޔާމީންގެ އެކައުންޓަށް ޖަމާވި ޝައްކު އުފެދޭ ފައިސާ އޭސީސީއާއި ހަވާލުކުރަން އެދުމުން އެކަމަށް ފުރަތަމަ އެމަނިކުފާނު އިންކާރު ކުރެއްވި ނަމަވެސް، ފަހުން އޭސީސީއާއެކު ހަދާފައުވާ އެސްކްރޯ އެކައުންޓަކަށް އެފައިސާ ވަނީ ޖަމާކޮށްފައެވެ.
މި ދައުވާއަށް ޔާމީން އިއްކާރުކުރައްވައެވެ. އަދި އެ ފައިސާއަކީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއެއް އެމަނިކުފާނުގެ އެކައުންޓުގައި ނުހުންނަވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާކަމަށް މީގެ ކުރިން ޔާމީން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ އިތުރުން ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ މައްސަަލައިގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި 100 މިލިއަން ރުފިޔާ ފުލުުހުން ވަނީ ފްރީޒް ކޮށްފައެވެ.