އިންޑިއާއިން ޕާކިސްތާނަށް ދީފައިވާ މޯސްޓް ފޭވާޑް ނޭޝަން (އެމް.އެފް.އެން) ސްޓޭޓަސް ބާތިލުކުރާކަން އަންގާފައިނުވާކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމް.އެފް.އެން ސްޓޭޓަސްއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ރޮނގުން ބައިނަލްއަގުވާމީ އިގުތިސާދީ އަދި ސިޔާސީ ގުޅުން ބަދަހިކުރުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް ދޭ ދަރަޖައެކެވެ.

ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއި ޕާކިސްތާނާއި ދެމެދު މިފަދަ މައްސަލައެއް އުޅޭކަމުގެ ހަބަރުތައް ފެންމަތިވެފައި މިވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާގައި އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންގެ ސާޅީހަށްވުރެ ގިނަ ބޭކަލުން މަރުވި މައްސަލައާއި ގުޅިގެން ޕާކިސްތާނާއި ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިންޑިއާއިން ނިންމާފައި ވަނިކޮށެވެ.

ޖައްމު އާއި ކަޝްމީރުގެ ޕުލްވާމާއަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާއާއި ގުޅިގެން އިންޑިއާއިންވަނީ ޕާކިސްތާނަށް ދީފައިވާ އެމް.އެފް.އެންގެ ދަރަޖަ ބާތިލުކުރިކަން ހުކުރު ދުވަހު އިއުލާންކޮށްފައެވެ. އަދި ޕާކިސްތާނުގައި އުފައްދާ އުފެއްދުންތަކުން ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ނަގާ ޓެކްސް، ހޮނިހިރު ދުވަހުން ފެށިގެން 200 އިންސައްތަ އަށްވަނީ ބަދަލުކޮށްފައެވެ.

ވިޔަފާރިއާއި ގުޅުންހުރި ކަންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް ލަފާއަރުވާ މުޝީރު އަބްދުއްރައްޒާގު ދާވޫދު ވިދާޅުވީ، އެމް.އެފް.އެން ދަރަޖަ އަތުލިކަން އިންޑިއާއިން އަންގާފައި ނުވާކަމަށާއި، މިކަމާއި ބެހޭ ގޮތުން އިންޑިއާއާއިއެކު މަޝްވަރާ ކުރެވިދާނެ ކަމަށެވެ. ކަންމިހެންއޮތްއިރު، އިންޑިއާއާއިއެކު ސުލްހައިގެ މަޝްވަރާތައް ކުރާނީ އެގައުމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ކަންކަން ނިންމާ، އާ ސަރުކާރެއް އެކުލަވާލެވުމުން ކަމަށް ޕާކިސްތާނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ދާވޫދު ވިދާޅުވީ މިމައްސަލައަކީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ބެހޭ ޖަމިއްޔާ (ޑަބްލިއު.ޓީ.އޯ)ފަދަ އިތުރު ޕްލެޓްފޯމްތަކުގައިވެސް ޕާކިސްތާނަށް އުފުލިދާނެ މައްސަލައެއް ކަމަށެވެ. އެމް.އެފް.އެންގެ އެއްބަސްވުން ބުނާ ގޮތުން ޑަބްލިއު.ޓީ.އޯގެ މެމްބަރުންގެ މެދުގައި އެއްގައުމު އަނެއް ގައުމުން ތަފާތުކޮށްގެން ނުވާނެއެވެ.