ޕާކިސްތާނަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)، އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އިގުތިސޯދީ ހީނަރުކަމާއި ދަރަނިވެރިކަމާއިއެކު ބޭރުގެ އިންވެސްޓްމަންޓްއާއި ފައިސާގެ އެހީއަށް އިންތިހާއަށް ބޭނުން ޖެހިފައި އޮތް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި އެމް.ބީ.އެސް ސޮއިކުރެއްވި އިންސްޓްމެންޓް ޑީލްތަކުގެ އަގު 20 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

ރަތްދޫލައިގެ ވެދުމަކުން ޕާކިސްތާނުގެ ނޫރު ޚާން އެއާބޭސްއިން އެމް.ބީ.އެސްއަށް މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު އިމްރާން ހާންއެވެ. ސައުދީގެ ވަލީއަހުދު ކަމުގެ ޝަރަފާއި 2017 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށްފަހު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމް.ބީ.އެސް ޕާކިސްތާނަށް ފައިބާވަޑައިގަތުމާއިއެކު 21 ބަޑީގެ ސަލާމެއްވެސް ވަނީ އަރުވާފައެވެ.

ވެރިރަށް އިސްލާމްއާބްދުގައި އިމްރާން އާއި އެމް.ބީ.އެސްއާއި ދެމެދު ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދިޔަ ދާއިރާތަކަށް ބަލާއިރު، ޕެޓްރޯކެމިކަލްސް، ހަކަތަ އަދި ކުޅިވަރުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.

އެމް.ބީ.އެސްގެ ޝަރަފުގައި އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ރޭގަނޑުގެ ފަރީއްކޮޅުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާލުވީ، ޕާކިސްތާނާއި ސައުދީއިން މިހާރު މިސްރާބު ޖަހާފައިވަނީ ދެގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ކަމަށެވެ. އާ ހަރުފަތް ބިނާވެފައި އޮތީ ދެގައުމަށްވެސް ލާބަޔާ މަންފާ ކުރުވަނިވި އިންވެސްޓްމަންޓްތަކެއްގެ މަތީގައިކަންވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެމް.ބީ.އެސްގެ ވާހަކަފުޅުތައްވެސް ހުރީ މިފަދަ މޭރުމަކުންނެވެ.

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމް.ބީ.އެސް ހުންނަވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެގައެވެ. ގަނޑުވަރެއްގެ ފެންވަރަށް ތަރައްގީކޮށްފައިވާ މިގެކޮޅަކީ، އެ ގެކޮޅެއްގައި ދިރިއުޅުއްވުމަށް އިމްރާން ހާން އެންމެ ފުރަތަމަ އިންކާރު ކުރެއްވި ގެކޮޅެވެ.

ޕާކިސްތާނު ދަތުރުފުޅު ހޯމަ ދުވަހުގެ ނިޔަލަށް ނިންމަވާލެއްވުމަށްފަހު އެމް.ބީ.އެސް ދެން ވަޑައިގަންނަވާނީ އިންޑިއާއަށް ކަމަށް މައުލޫމާތު ލިބެއެވެ.