އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލު ކުރުމުގެ މަޝްވަރާތަކެއް 2017 ވަނަ އަހަރު ކުރެވުނު ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން، އެ ތުހުމަތުތަކުގެ އެންމެ ފުނަށް ވަޑައިގެން ތަހުގީގުގެއް ކުރައްވާނެ ކަމަށް އެމެރިކާ ސެނެޓްގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން، ސެނެޓާ ލިންޑްސޭ ގްރާމް ވައުދުވެވަޑައިގެންފިއެވެ.

ސެނެޓާ ގްރާމް ވިދާޅުވީ މައްސަލައާއިގެން ކުރިއަށް ވަޑައިގަތުމަށް ކޯޓުއަމުރު ބޭނުންވާނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

މިމައްސަލަ ފެންމަތިވެފައި މިވަނީ، އެމެރިކާގެ ގާނޫނަށް 25 ވަނަ އިސްލާހާއި ގުޅިގެން އެފް.ބީ.އައިގެ ކުރީގެ އެކްޓިންގް ޗީފް އެންޑްރޫ މެކްކެބީ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ޓުވެންޓީ ފިފްތް އެމެންޑްމަންޓްގެ ގޮތުގައި މަޝްހޫރުވެފައިވާ މި އިސްލާހަކީ އެމެރިކާގެ ރިޔާސަތުގައި ހުންނަވާ ބޭފުޅަކު އަވަހާރަވެއްޖެނަމަ، ނުވަތަ މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ އެއްވެސް ސަބަބަކާއި ހެދި މަގާމުން ދުރުކުރެއްވިއްޖެނަމަ ނައިބު ރައީސް، ރިޔާސަތާއި ހަވާލުވެވަޑައިގަތުމާއި ގުޅޭ އިސްލާހެކެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ރޮނާލްޑް ރޭގަންއާއި ޖޯޖް ޑަބްލިއު ބުޝްއަކީ، ސިއްހީ ފަރުވާއެއްގެ ތެރެއިން އެނެސްތީޝިއާ ނަންގަވަންޖެހިވަޑައިގެންނެވި ވަގުތަށް، މި އިސްލާހުގެ ދަށުން ވެރިކަމުގެ ބާރު ވަގުތީ ގޮތުން ދޫކޮށްލެވި ދެ ރައީސުންނެވެ.