ޝަމީމާ ބޭގަމްއަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ގުޅި، އާ ދިރިއުޅުމެއް ފެށުމަށް ލަންޑަން ދޫކޮށްދިޔަ ތިން އަންހެން ކުދިންގެ ތެރެއިން އެކަކެވެ. ޝަމީމާ ވަނީ، އޭނާ ބަނޑުން ތުއްތު ފިރިހެން ކުއްޖަކު މި ދުނިޔެއަށް އުފަންވެއްޖެކަން ހާމަކޮށްފައެވެ.

އައިސިސްއާއި ގުޅުމަށް، އިރުމަތީ ލަންޑަން ދޫކޮށް ޝަމީމާ ފުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އޭނާއަށް އެންމެ 15 އަހަރެވެ. އޭގެ ފަހުން ޝަމީމާ ފެނުނީ ހުސްވި ހަފުތާގެ ތެރޭގައެވެ. ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިންނެވެ. ޝަމީމާ މިހާރު ބޭނުންވަނީ އޭނާގެ އުފަން ފަސްގަނޑަށް އެނބުރި ދިއުމަށެވެ.

މިހާރު 19 އަހަރު ފުރިފައިވާ ޝަމީމާ ބުނީ ފާއިތުވީ ދުވަސްތަކުގައި އޭނާ އުފުލި ތަކުލީފުތަކަށްޓަކައި ހުރިހާ އެންމެންވެސް އޭނާއަށް ހަމްދަރުދީވާންޖެހޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން، އިނގިރޭސިވިލާތަށް ނިސްބަތްވާ މީހުންގެ ތެރެއިން އެހެން ގައުމެއްގެ ރަށްވެހިކަމަށް ވަކާލާތު ނުކުރާ ކޮންމެ މީހަކަށް އެ ގައުމަށް އަނބުރާ ވަނުމުގެ ފުރުސަތު ދޭންޖެހެއެވެ.

ޝަމީމާ ބުނާ ގޮތުގައި ލަންޑަން ދޫކޮށް ސޫރިޔާއަށް ހިޖުރަކުރުމަކީ އޭނާއަށް ހެދުނު ގޯހެކެވެ. ނަމަވެސް އެއީ މުޅިން ގޯސްކަމެއް ކަމުގައިވެސް ޝަމީމާ ނުދެކެއެވެ. ޝަމީމާ ގަބޫލުކުރާ ގޮތުގައި، މި ދަތުރުގެ ސަބަބުން އޭނާއަށް ބަދަލުތަކެއް އައިސްފިއެވެ.

ޝަމީމާ ގަބޫލުކުރާ ގޮތުގައި މިހާރު އޭނާއަކީ ހިތްވަރުގަދަ އަންހެނެކެވެ. އޭނާ މީހަކާވެސް ކައިވެނި ކުރިއެވެ. ޝަމީމާ ބުނާ ގޮތުގައި، އެފަދަ މީހަކު އޭނާއަށް އިނގިރިސޭވިލާތަކުން ނުލިބޭނެއެވެ. ޝަމީމާއަށް ދަރިން ލިބުނީ ސޫރިޔާގައެވެ. ސޫރިޔާގައި އޭނާ ހޭދަކުރި ވަގުތުތަކަކީ އުފާވެރި ވަގުތުތަކެއް ކަމަށް ޝަމީމާ ބުނެއެވެ.

ކަންތައްތައް ބަދަލުވީ ދެނެވެ. ހާލަތު ގޯސްވިއެވެ. ދިރިއުޅުން ދަތިވިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޝަމީމާގެ ގަޔަކު ދެން ހިތްވަރެއް ނެތެވެ.

ޝަމީމާ ވަނީ މީގެ ކުރިންވެސް ސޫރިޔާގައި ދެފަހަރެއްގެ މަތިން ވިހާފައެވެ. ނަމަވެސް އެކުދިން މިއަދު މި ދުނިޔެއަކު ނެތެވެ. ޝަމީމާގެ އައިލާއިން ކަންބޮޑުވަނީ އެހެންވެއެވެ. އެންމެ ފަހުން އުފަންވި ކުއްޖާގެ ދިރިހުރުމާއި މެދުއެވެ.

ޝަމީމާއާއިއެކު 2015 ވަނަ އަހަރު ލަންޑަން ދޫކޮށްލި އަނެއް ދެކުދިންނަކީ ކާދިޒާ ސުލްތޯނާއާއި އާމިރާ އައްބާސީއެވެ. ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެގެ ގޮވި ހާދިސާގައި ކާދިޒާ މަރުވީ ކަމަށް ބެލެވޭއިރު، އާމިރާގެ ޚަބަރެއް އަދިއަދަށް ދާންދެކަށްވެސް ނުލިބިއެވެ.

ޝަމީމާ ކިއާދިން ގޮތުގައި، ލަންޑަން ދޫކޮށް އައިސިސްއާއި ގުޅުމަށް ދިޔައިރު، އެ ޖަމާއަތަކީ ކިހާވަރެއްގެ ޖަމާއަތެއްކަންވެސް އޭނާއަށް އެނގެއެވެ. އެއީ މީހުންގެ ބޯބުރިކޮށްލުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާ ޖަމާއަތެއްކަންވެސް އޭނާއަށް އެނގޭ ކަމަށް ޝަމީމާ ބުނެއެވެ. އެހެންނަމަވެސް، އޭރު އެގޮތް ވަރިހަމަ ކަމަށް ޝަމީމާ ބުންޏެވެ.

އެގޮތުގައި އުޅެމުންގޮސް، ސޫރިޔާގައި އައިސިސް ގެ ކޮންޓްރޯލް އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ބަޣޫޒްއިން ޝަމީމާ ފިލީ މީގެ ދެހަފުތާއެއްހާ ދުވަސްކުރިންނެވެ. ޝަމީމާގެ ފިރިމީހާއަކީ ވަރަށް ފަހުން އިސްލާމްވި ނެދަލަންޑްސް މީހެކެވެ. ބެލެވޭ ގޮތުގައި އޭނާ ވަނީ، ސޫރިޔާގެ ހަނގުރާމަވެރިންތަކަކާއި އަމިއްލައަށް ހަވާލުވެފައެވެ.

ޝަމީމާ ބުނި ގޮތުގައި ފާއިތުވީ ހަތަރު އަހަރު ދުވަސް އޭނާ ހޭދަކުރީ ގޭގައި އިންނަ އަތްބެއްގެ ގޮތުގައެވެ. ނުރައްކާތެރި އެއްވެސް އަމަލެއް ނުބަތަ ހަމަލާއެއް އޭނާ ހިންގި ކަމުގެ އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށް ޝަމީމާ ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، ޝަމީމާ އެނބުރި އިނގިރޭސިވިލާތަށް ގެނައުމާއި ގުޅިގެން ހޫނު ބަހުސްތަކެއް ވަނީ ފެށިފައެވެ. ޝަމީމާއަށް އެނބުރި ގައުމަށް އާދެވެންޖެހޭނެކަމަށް އެއްބަޔަކު ބުނާއިރު، އޭނާގެ އަމަލުތަކާއި މެދު އޭނާ ޖަވާބުދާރީ ކުރެވެންޖެހޭނެކަމަށް އަނެއްބަޔަކު ދަނީ ބުނަމުންނެވެ.