ބަންގްލަދޭޝްގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ޗިޓަގޮންގްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގާ ނުވަމީހުން މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ވެރިރަށް ޑާކާއާއި 216 ކިލޯ މީޓަރު ދުރުގައި އޮންނަ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޗިޓަގޮންގްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޖިފުޓިތަކެއް ގޮތަށް ހަދާފައިވާ ގެތަކަކުން ބައިބޯވެފައިވާ ސަރަހައްދެއްގައެވެ. އަލިފާނުގެ ހާދިސާގައި 200އެއްހާ ޖިފުޓި ހަލާކުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ ހާދިސާ ހިނގިތާ ފަސް ގަޑިއިރެއްހާއިރު ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ނިއްވުމާ ބެހޭ ބަންގާޅު އޮފިޝަލެއް ކަމަށްވާ ޖާސިމުއްދީން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެންބަރުން ހިމެނޭ ކަމަށެވެ.

ތޮއްޖެހިފައިވާ ކުދިކުދި ތަންތަންކޮޅުގައި މީހުން ދިރިއުޅެމުންދާ ބަންގްލަދޭޝްގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ހިނގާ މިފަދަ އެކި ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލެއެވެ.

ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނީ މިފަހަރުގެ ހާދިސާއަކީ، ހާދިސާ ހިނގި ސަރަހައްދުގައި ކޮންޓްރެކްޓަށް މަސައްކަތްކުރަން ހަވާލުވެފައިވާ ކުންފުންޏަކުން އެ ސަރަހައްދު "ސާފު ކުރުމުގެ" ނިޔަތުގައި ގަސްތުގައި ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިއީ ބަޔަކު ގަސްތުގައި ޖެހި ހުޅުގަނޑެއްކަން ސާބިތުކުރެވޭ ވަރަށް އަދި ހެކި ލިބިފައެއް ނުވެއެވެ.