މިޔަންމާ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި މިހާރު ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް މިއަހަރު ތެރޭގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 920 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދއާއި އެހީދޭ ޖަމިއްޔާތަކާއި އެން.ޖީ.އޯ ޕާޓްނަރުން ބުނެފިއެވެ.

ރޯހިންޏާ ދަރިކޮޅުގެ 900000 އަށްވުރެ ގިނަ ރެފިއުޖީން މިހާރުވެސް ދިރިއުޅެމުންދަނީ ބަންގްލަދޭޝްގައި ޖަހާފައިވާ ދަށްފެންވަރުގެ 'ޖިފުޓި'ތަކުގައެވެ.

އެހީގެ ގޮތުގައި ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރު އަދަދެއް ޚަރަދުވާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި، ފެނާއި، ނަރުދަމާގެ އިތުރުން ބޯހިޔާވަހިކަމުގެ ހިދުމަތަށް ކަމަށް މައުލޫމާތު ލިބެއެވެ. ބާކީ ފައިސާއަކީ ސިއްހީ ހިދުމަތުގެ އިތުރުން، ސައިޓް މެނޭޖްމަންޓްއާއި، ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަމަށާއި، ކުޑަކުދިންގެ ރައްކަލާއި ހިމާޔަތާއި ގުޅުން ހުރި ކަންކަމަށް ހަރަދުވާނެ ފައިސާކަމަށް ޚަބަރު ލިބެއެވެ.

ހިޖުރަވެރިންނާއި ރެފިއުޖީންނާއި ބެހޭ އދގެ ހައިކޮމިޝަނަރު ފިލީޕޯ ގްރާންޑީ ވިދާޅުވީ މި ފަންޑަކީ ގިނަ އަދަދަކަށް ރެފިއުޖީން ހޮސްޓް ކުރަމުންދާ ބަންގްލަދޭޝްގައި ދަތިހާލުގައި ދިރިއުޅެމުންދާ 300000 އެއްހާ މީހުންނަށްވެސް ޚަރަދު ކުރުމަށް ބޭނުން ކުރާނެ ފަންޑެއް ކަމަށެވެ.

އދގެ ހައިކޮމިޝަނަރު ވަނީ ރޯހިންޏާ ރެފިއުޖީންގެ މައްސަލައިގެ ހަގީގީ ފެށުމުގައި އޮތް މައްސަލައަށް ރިއާޔަތްކޮށް އެކަންކަން ހައްލު ކުރުމަށް މިޔަންމާއަށް ގޮވާލައްވާފައެވެ.