ޖިނާއީ މައްސަލަތަކާއި ގުޅިގެން ދައުވާ ލިބޭ އެންމެ ހަގު އުމުރަށް ބަދަލު ގެނައުމަށް ފިލިޕީންސްގެ ސަރުކާރުން ނިންމައިފިއެވެ.

ފިލިޕީންސްގެ ސަރުކާރުން ބުނީ ޖިނާއީ ދައުވާ ލިބޭ އެންމެ ހަގު އުމުރު، 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް ބޭނުންވާކަމަށެވެ. އެކަން އެހެން ކުރަން ބޭނުންވަނީ، ޖިނާއީ ކުއްތަކާއި ދެކޮޅަށް ފިލިޕީންސް ރައީސް ފައްޓަވާފައިވާ ވަރުގަދަ ކެމްޕެއިންގެ ދަށުން، އެގައުމުގެ މަގުތަކަކީ ޖިނާއި ކުއްތަކުން ތާހިރުކުރެވިފައިވާ މަގުތަކެއްކަމުގައި ހެދުމުގެ މަގުސަދުގައި ކަމަށްވެސް ފިލިޕީންސްގެ ސަރުކާރުންވަނީ ބުނެފައެވެ.

ކަންމިހެންއޮތް ނަމަވެސް، ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ، ބޮޑެތި މީހުން ފަދައިން ކުޑަކުދިންނާއި މެދު އަމަލު ކުރެވިގެން ނުވާނެ ކަމަށެވެ.

ފިލިޕީންސްގެ ގިނަ ކުޑަކުދިންގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދަނީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގެ ހާލަތުގައެވެ.

ފިލިޕީންސްއަކީ މަސްތުވާތަކެއްޗާއި ދެކޮޅަށްވެސް ވަރުގަދަ ކެމްޕެއިނެއް ހިންގަމުން އަންނަ ގައުމެކެވެ.