މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު، ވަޅެއްގެ ތެރޭގައި އަންދާލާފައިވާކަމަށް ބެލެވޭ ކަމަށް ތުރުކީވިލާތުގެ ފުލުހުން ބުނެފިއެވެ.

ތުރުކީވިލާތުގެ ފުލުހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އެގައުމުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލާ ޖެނެރަލްގެ ގެކޮޅަށް، ޚަޝޯގީގެ ހަށިގަނޑުގެ ބައްތައް ވާދާތީ ސެކިއުރިޓީ ފުޓޭޖުން ފެންނަ ކަމަށެވެ. މި ގެކޮޅަކީ އެބުނާ ވަޅެއްވެސް ހުންނަ ގެކޮޅެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް ދިއުމާއިއެކު އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި ފަހުން އަދި އަދަށް ދާންދެކަށްވެސް އޭނާގެ ހަށިގަނޑު ފެނިފައިނުވާއިރު، ޚަޝޯގީގެ ހަށިގަނޑަށްވީ ގޮތެއް އަދި ނޭނގޭ ކަމަށް ސައުދީ އަރަބިއްޔާއިން ދަނީ ބުނަމުންނެވެ. ޚަޝޯގީ މަރާލުމުގެ އަމަލު ހިންގާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީއިން އިއުތިރާފުވި ނަމަވެސް، އެކަމުގައި ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އޯޑަރެއް ވާކަމަށް ދެކެވޭ ވާހަކަތަށް އެ ގައުމުން އިންކާރު ކުރެއެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން އދއިން ބައިނަލްއަގުވާމީ ފެންވަރުގެ މިނިވަން ތަހުގީގެއް ފަށާ، ތުރުކީވިލާތުގައި ކުރަންޖެހޭ ތަހުގީގުތައް ކޮށްފައިވާއިރު، މި ތަހުގީގަށް ސައުދީއިން އެއްވެސް ވަރަކަށް އެއްބާރުލުން ދީފައެއް ނުވެއެވެ. ކަންމިހެންއޮތްއިރު، މިމައްސަލާގައި އެމެރިކާއިންވެސް ސައުދީއަށް ފިއްތުންތައް ކުރިމަތިކޮށްފައި ނުވާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތުގެ ފުލުހުން އާންމުކުރި ރިޕޯޓް ބުނާ ގޮތުން ޚަޝޯގީގެ ހަށިގަނޑު އަންދާލާފައިވަނީ ކޮންސިއުލާ ޖެނެރަލްގެ ގެކޮޅުގެ ގޯތިތެރޭގައި ކެއްކުމުގެ ބޭނުމަށް ބޭނުންކުރާ ވަޅެއްގެ ތެރޭގައެވެ. ކޮންސިއުލާ ޖެނެރަލް ގެކޮޅު ތެރެއަށް ސޫޓު ކޭސްތަކާއި ކަޅުކޮތަޅުތަކުގައި ބަރު އެއްޗިހިތަކެއް އުފުލާ މަންޒަރުތަކެއް ފެންނަ ފުޓޭޖެއް މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީވިލާތުގެ މީޑިއާއަށް ވަނީ ލީކުވެފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް މަރުގެ ހުކުމް އިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދިއިން ބުނުން ފިޔަވާ އިތުރު ތަފްސީލެއް އެގައުމުން ހިއްސާކޮށްފައެއް ނުވެއެވެ.