މިޔަންމާގެ ރާޚީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާދީފައިވާކަމުގެ ސާބިތު ހެއްކެއް ނުހުންނާނެ ކަމަށް މިޔަންމާ އަސްކަރިއްޔާގެ އިސްވެރިޔާ މިން އޯންގް ހްލައިންގް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއާއި ދުރުގައި އުޅުއްވާ އިސް ޖެނެރަލް މިން އޯންގް ހްލައިންގް އާއި ހަވާލާދީ، ޖަޕާނުގެ ދުވަހު ނޫހެއް ކަމަށްވާ އަސާހީ ޝިމްބަންއިން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ރޯހިންޏާ ދަރިކޮޅުގެ މިސްލިމުންނާއި ދެކޮޅަށް ނަސްލީ ނުވަތަ ދީނީ ތަފާތުކުރުންތަކެއް ގެންގުޅެ ލާއިންސާނީ އަނިޔާ ދިނުމުގައި އަސްކަރިއްޔާގެ ރޯލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށެވެ.

ޖެނެރަލް މިން އޯންގް ހްލައިންގް އަކީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ރޯހިންޏާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ގަތުލުއާންމުއާއި ގުޅިގެން އެ ބަޔަކާއި ދެކޮޅަށް ތަހުގީގު ހިންގުމަށް އދއިން ގޮވާލި އަސްކަރީ ވެރިންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މިޔަންމާގެ އަސްކަރިއްޔާއަކީ ނުފޫޒުގަދަ އަސްކަރީ ބާރެކެވެ. އެގޮތުން އާންގް ސަންގް ސޫޗީގެ މަދަނީ ސަރުކާރުން ދަނީ އަސްކަރިއްޔާއާއިއެކު ސަރުކާރުގެ ބައެއް ބާރުތައް ހިއްސާކުރަމުންނެވެ. އެގޮތުން ސަރުކާރުގެ މުހިންމު 3 ވުޒާރާއެއް ކޮންޓްރޯލް ކުރުމުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ހަތަރު ބައިކުޅަ އެއް ބައި ގޮނޑިވެސް ހިއްސާކުރަނީ އަސްކަރިއްޔާއިންނެވެ.

ރޯހިންޏާ ރެފިއުޖީންގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާއިރު، މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަކީ ހަގީގަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާބައެކެވެ. އެއީ ބަންގާޅުން ކަމަށް ބުނެ މިޔަންމާއިންވަނީ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާގެ ރަށްވެހިކަން ދިނުމަށް އިންކާރު ކުރަމުންނެވެ. ކަންމިހެންއޮތްއިރު ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ބަންގްލަދޭޝްގައި ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައެވެ.