ސްރީލަންކާއަކީ މެލޭރިއާއިން ސަލާމަތްވެފައިވާ ގައުމެއް ކަމުގައި ކަނޑައެޅިފަހުން ފުރަތަމަ ފަހަރަށް އެގައުމުން މެލޭރިއާ ފެނިއްޖެއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރުން މަހުން ފެށިގެން މިހާ ހިސާބަށް އައިއިރު މެލޭރިއާ ޖެހިފައިވާ 2 މީހަކު ފެނިފައިވާ ކަމަށް ސްރީލަންކާއިން ބުނެއެވެ. މިމީހުންނަށް ޖެހިފައިވަނީ މެލޭރިއާކަން ކަށަވަރުކޮށްފައިވަނީ ސިންގަޕޯ ރިސާޗް އިންސްޓިޓިއުޓްގައި ހެދި ލޭގެ ޓެސްޓުތަކަށްފަހުގައެވެ.

މެލޭރިއާ ޖެހިފައިވާ ދެމީހުންގެ ތެރެއިން އެކަކީ ސިޔާމްބަލަންދުވާގައި ހަކުރު އުފައްދާ ކާރުހާނާއެއްގެ ކޮންސްޓަރަކްޝަން މަސައްކަތްކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށައި، ދެވަނަ މީހަކީވެސް ހަމަ އެސައިޓްގައި މަސައްކަތްކުރަމުންދިޔަ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ސްރީލަންކާގެ މީހާއަށް މެލޭރިއާ ޖެހިފައިވަނީ އިންޑިއާ މީހާގެ ހަށިގަނޑުންނެވެ.

މެލޭރިއާއަކީ އެނޯފީލީސް އަންހެން މަދިރީގެ ޒަރިއްޔައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އެގޮތުން މެލޭރިއާ އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން ލޭ ބުއިމަށްފަހު، އެހެން މީހެއްގެ ގައިގައި އެ އެނޯފީލިސް އަންހެން މަދިރިހެފުމުގެ ސަބަބުން ދެވަނަ މީހާގެ ހަށިގަނޑަށްވެސް މެލޭރިއާ ޕެރަސައިޓް ދަތުރުކުރާ ގޮތްވެއެވެ.

މެލޭރިއާ ޖެހިގެން ސްރީލަންކާއިން އެންމެފަހުން ރިޕޯޓްކޮށްފައިވަނޯ 2012 ވަނަ އަހަރު ކަމަށްވާއިރު، ސްރީލަންކާ އަކީ މެލޭރިއާއިން ސަލާމަތްވެފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ސެޓިފިކޭޝަން ދިނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް އެންމެ ފަހުން ސްރީލަންކާއިން ކުރި 2 ރިޕޯޓާއިއެކު މި ސެޓްފިކޭޝަން އަތުލާފާނެ ކަމުގެ ސުވާލު ވަނީ އުފެދިފައެވެ.