ކަޝްމީރުގެ އިންޑިއާ އާއި ވީ ފަޅިން ދަތުރުކުރަމުންދިޔަ އަސްކަރީ ގާފިލާއަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ އަސްކަރިއްޔާއާއި ދާދި އެއް އުސޫލަކުން ހަރަކާތްތެރިވާ ޕެރަމިލިޓަރީ އަސްކަރީ ސިފައިންގެ 40 މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހަމަލާ ދީފައިވަނީ، ގޮވާތަކެތި ބަރުކޮށްފައި އޮތް ކާރެއް ގޮސް، ސްރީނަގަރަށް ސިފައިން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއްގައި ޖައްސާ، އެކްސިޑެންޓްކޮށްލައިގެން ކަމަށެވެ.

ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދުންވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

މި ހަމަލާއަކީ ޕާކިސްތާނާއި އިންޑިއާއިން އެ ބިމަކާއި ހެދި ތަޅާފޮޅަމުންދާ ކަޝްމީރު، އިންޑިއާގެ ކޮންޓްރޯލްގެ ދަށުން އަތުލުމަށް 1989 ވަނަ އަހަރު ހަމަލާ ބަދަލު ކުރަން ފެށިފަހުން، ހަނގުރާމަވެރިން ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާއިންވަނީ ޖާއިޝީ މުޙައްމަދުގެ ލީޑަރު މައްސޫދު އަޒްހަރާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މި ހަމަލާއަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ޕާކިސްތާނުން ބުނި ނަމަވެސް، މި ހަމަލާގެ ޒިންމާ އުފުއްލަންޖެހޭނީ ޕާކިސްތާނުންކަން ގަބޫލުކުރުމަށް އެ ގައުމުން ދަނީ އިންކާރު ކުރަމުންނެވެ.