އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާ ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސެވުމަށްޓަކައި ރައީސް ޑޮނާލްޑް ޓްރަމްޕް، މުޅި ގައުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގެ ސަރުކާރު އަނެއްކާވެސް ހުއްޓުމަކަށް އަޔަ ނުދިނުމަށްޓަކައި، ސަރަހައްދީ އިމުގެ ސަލާމަތާއި ބެހޭ ބިލް ތަސްދީގު ކުރައްވާނެ ކަމަށާއި، ނަމަވެސް ފާރު ބިނާ ކުރެއްވުމަށް ބޭނުންވާ ފައިސާ، ކޮންގްރެސްގެ ނުފޫޒެއް ނެތި، އަސްކަރީ ފަންޑުގެ ތެރެއިން ހަމަޖެއްސެވުމަށްޓަކައި ކުއްލި ނުރައްކާ އިއުލާން ކުރައްވާނެ ކަމަށްވެސް ވައިޓް ހައުސްގެ ބަޔާނުގައި ވަނީ ތަފްސީލުކޮށްދީފައެވެ.

އިދިކޮޅު އިސް ޑިމޮކްރަޓުން ސިފަކުރައްވާ ގޮތުގައި، މި ނިންމެވުމަކީ ރައީސް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ބާރުގެ ނާޖާއިޒު ފައިދާ ނެންގެވުން ކަމަށާއި، މިއީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ނިންމެވުމެކެވެ.

ސަރަހައްދީ އިމުގެ ސަލާމަތާއި ބެހޭ ބިލުގައި ޓްރަމްޕް ސޮއިކުރައްވާ، ތަސްދީގު ކުރެއްވުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްއިން މި ބިލް ފާސްކުރަން ޖެހެއެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާ ކުރުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން ވައުދުފުޅަކަށްވީނަމަވެސް، މިހާތަނަށް މިމަސައްކަތް ކާމިޔާބު ވެފައި ނުވަނީ އިދިކޮޅު ޑިމޮކްރަޓުންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ގާނޫނު ހަދާ މަޖިލީހުން ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ސަބަބުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސޭރާ ސޭންޑާޒް ވިދާޅުވީ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަނީ، ސަރަހައްދީ އިމުގައި ކުރިމަތިވެފައިވާ ގައުމީ ސަލާމަތަށް ނުރައްކާ ވުމުގެ ކާރިސާއާއި އިންސާނީ ކާރިސާ ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ.

ސަރަހައްދީ އިމުގައި ފާރު ބިނާކުރުމަށް 5.7 ބިލިއަން ޑޮލަރުގެ ފަންޑެއް ބޭނުންފުޅުވާކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް މި ހަފުތާއާއި ޖެހެންދެން ގާނޫނު ހަދާ މަޖިލީހުން ކުޑަ ނަމަވެސް ދުލެއް ދީފައެއް ނުވެއެވެ. އެ ފައިސާއާއި ނުލާ ދައުލަތުގެ ބަޖެޓް ފާސްކުރައްވަން ޓްރަމްޕް އިންކާރު ކުރެއްވުމުގެ ނަތީޖާއަކަށްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 35 ދުވަހުގެ މުއްދަތަށް އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމެވެ. ހުއްޓުމަކަށް އައި ހިދުމަތްތައް ވަގުތީ ގޮތުން ދޭން ފަށާފައިވީ ނަމަވެސް، އެ މުއްދަތުވެސް 15 ފެބުރުވަރީގެ ނިޔަލަށް ހަމަވާއިރު، ގާނޫނު ހަދާ މަޖިލީހުން ވަނީ ހިސާބެއްގެ ދުލެއް ދީފައެވެ. އެގޮތުން، ފާރު ބިނާ ކުރުމުގެ ފަންޑަށް 1.3 ބިލިއަން ޑޮލަރު ހަމަޖައްސާދީފައިވާއިރު، ފުލް-ބަޖެޓަށް ޓްރަމްޕް އަދިވެސް ގެންދަވަނީ ޑިމާންޑް ކުރައްވަމުންނެވެ.