ސަރުކާރުގެ އަމާޒަކީ، މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި ކުރިމަގުގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުން، އިފުތިތާހު ކޮށްދިނުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، މަތީ ތައުލީމް ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމުގައެވެ.

ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ ދާއިރާތަކުގެ ތެރެއިން، ތައުލީމީ ދާއިރާއަށް، މި ސަރުކާރުން ވަކިން ހާއްސަ އިސްކަމެއް ދިނީ، ތަރައްގީގެ އެންމެ މުހިންމު އަސާސަކީ ތައުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީ ކަމަށެވެ. އަދި ގައުމެއްގެ އިގްތިސާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތައުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މިގޮތުން މި އަހަރުގެ ބަޖެޓުގެ އެންމެ މަތީ އިންސައްތައެއް ސަރުކާރުން ހާއްސަކޮށްފައިވާނީ ވެސް ތައުލީމީ ދާއިރާއަށްކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުސަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުސަތެއް. ތިޔަ ހުރިހާ ދަރިވަރުންވެސް މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ، އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއްކަމަށާއި، ގައުމު ތަރައްގީވާން ބޭނުން ނަމަ، އެންމެ ފުރަތަމަ ތަރައްގީކޮށްދޭން ޖެހެނީ އިންސާނާގެ ވިސްނުންކަމުގައެވެ. އަދި މި ސަރުކާރުން ތަރައްގީ ކުރެވޭތޯ ބަލަނީ، މި ގައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ޒުވާނުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއަށް ބޭނުންވާ، ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާ ފަދަ ވިސްނުންތަކެއް އުފަން ކުރެވޭނީ، ދިވެހިންގެ ސިކުނޑިތައް އިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުންކަމަށާއި މާދަމާ މި ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު މިހާރުއްސުރެ، ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް ރައީސް ގޮވާލެއްވިއެވެ.

އަދި، މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުން ވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާއިއެކު ހިފައި، އުފެއްދުންތެރި އިލްމީ ބަޔަކަށް ވުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.