"ބީއެމްއެމްއެލް ރިވެލި" ނަމުގައި ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިފްތިތާހުކޮށްފިއެވެ.

އެ ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތައާރަފްކޮށްފައި ވަނީ ޑިޕްލޮމާ އިން ބޭންކިން އެންޑް ފައިނޭންސްގެ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ މި ކޯހަކީ 12 މަސްދުވަހުގެ ކޯހެކެވެ. މި ކޯހުގެ ކަރިކިއުލަމް އެކުލަވާލާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.

މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިން ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް، އެ ދާއިރާ އިން ކުރިއަށް ދިޔުމަށް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދީ، ރާއްޖޭގެ ބޭންކިން ސިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުން ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ. ގައުމީ ބޭންކުގެ ސީއީއޯ މިހެން ވިދާޅުވެފައި މި ވަނީ ބީއެމްއެލް ރިވެލި ޕްރޮގްރާމާ ގުޅޭ ގޮތުން ވިލާ ކޮލެޖާއި ބޭންކާ ދެމެދު އެމްޔޫއޯގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހަމަ އެއާއެކު ބޭންކިން ދާއިރާގައި ތަޖުރިބާ ހުރި އެ ކުންފުނީގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ގެސްޓް ސްޕީކާސްގެ ގޮތުގައި ވެސް ބޭންކިން ދާއިރާގެ ތަޖްރިބާ ހޯއްދަވާފައިވާ މުވައްޒަފުން ހިމެނޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.