މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުން ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެފައިވާއިރު، މިކަން ކޮށްދޭނެ ފަރާތެއް އަދިވެސް ހަމަޖެހިފައި ނުވާކަމަށް ހަބަރު ލިބިއްޖެއެވެ.

މިފަހަކަށް އައިސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަށް ބަލާއިރު، ސްރީލަންކާއިންވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްދޭނެ 2 މީހަކު ހޯދަން އިއުލާންކޮށްފައެވެ.

"ފިސާރި ހިތްވަރު ހުރި" މީހަކު ހޯދަން ކޮށްފައިވާ އިއުލާން ބުނާ ގޮތުން މި ވަޒީފާއަށް ހޮވޭ ކޮންމެ މީހެއްގެ މަހު މުސާރައެއްގެ ގޮތުގައި 200 އެއްހާ ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ސްރީލަންކާގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިނުވާއިރު، ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކޮށްދޭ މިހާގެ ވަޒީފާގައި މާ ގިނަ ދުވަހު މީހަކު ހަރުލާ ގޮތްވެސް އޮތީ ނުވެފައެވެ.

މިމަގާމަށް އެންމެ ފަހުންވެސް މީހަކުވީ މީގެ 5 އަހަރު ކުރިންނެވެ. އެމީހާ އެ ވަޒީފާއިން އިސްތިއުފާދިނީ ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު، މަރުގެ ހުކުމް ތަންފީޒު ކުރަން ކަނޑައަޅާފައިވާ ސަރަހައްދު ފެނުމާއިއެކު ޝޮކެއް ޖެހުމުގެ ސަބަބުންނެވެ.

ސްރީލަންކާގައި މަރުގެ ހުކުމް އިއްވާފައިވާ 1300އެއްހާ މީހުން ތިބިއިރު، މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގައި މިލިސްޓުގައި ހިމެނެނީ 48 މީހެކެވެ.

ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވިގެންދާނެ ކަމަށް ސިރިސޭނާ ވިދާޅުވީ، މިހިނގާ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

ދަންޖައްސާދޭނެ މީހެއްގެ ވަޒީފާއަށް ކުރިމަތިލުމުގެ ސަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުފުރިފައިވުމުގެ އިތުރުން ސްރީލަންކާގެ ރައްޔިތަކަށްވުން ލާޒިމުކުރެއެވެ.