އެމެރިކާއާއ ދެކޮޅަށް އީރާނުން ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ގާނޫނުން ޖާގަ ދޭ ކަމަށް އަދުލު އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އިން ބުނެފިއެވެ.

އެމެރިކާއާ ދެކޮޅަށް އީރާނުން ހުށަހަޅާފައި ވަނީ، އެމެރިކާއިން ފްރީޒްކޮށްފައިވާ އީރާނުގެ އެސެޓްތަކެއްގެ މައްސަލަ ބަލައިދިނުމަށެވެ. މި އެސެޓްތަކުގެ އަގު، ގާތްގަނޑަކަށް ދެބިލިއަން ޑޮލަރަށް އަރާކަމަށް މައުލޫމާތު ލިބެއެވެ. މި ފައިސާއަކީ 1983 ވަނަ އަހަރު ލުބްނާނަށް ދިން ބޮމުގެ ހަމަލާއާއި، އީރާނުން އުފެދުނު ކަމަށް ބެލެވޭ އިތުރު ހަމަލާތަކެއްގައި ޝިކާރައަކަށްވީ މީހުންގެ އާއިލާތަކާ ހަވާލު ކުރުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމް ކަނޑައަޅާފައިވާ ފައިސާއެވެ.

އީރާނުން އައިސީޖޭއަށް މިމައްސަލަ ވެއްދީ 2016 ވަނަ އަހަރުއެވެ. އެމެރިކާއިން ވަނީ މިމައްސަލައައިގެން ކުރިއަށްދިޔަ ނުދިނުމަށްޓަކައި، މި ދައުވާއަށް ދެކޮޅު ހަދާ 5 ސަބަބެއް 2018 ވަނަ އަހަރު އައިސީޖޭއަށް ހުށަހަޅާފައެވެ. އެމެރިކާގެ މަސައްކަތް ކާމިޔާބު ވާ ގޮތް ނުވެފައިވާއިރު، މިމައްސަލަ ވަނީ ސަރުއީ މަރުހަލަގެ މެރިޓް މަރުހަލާއާއި ހިސާބަށް ގޮސްފައެވެ. ނަމަވެސް މިކަން ކޮޅެއްގައި ޖައްސާ މައްސަލަ ނިމުމަށް، އަދިވެސް އަހަރުތަކެއް ހޭދަވުން އެކަށީގެންވާކަމަށް ބެލެވެއެވެ.

އެމެރިކާއާއި ދެކޮޅަށް އީރާނުން އައިސީޖޭއަށް ހުށަހެޅި މައްސަލައަކައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކޯޓުތަކުގެ ތެރޭގައި ގުނާލެވޭ ބައިނަލްއަގުވާމީ ކޯޓަކުން ކަނޑައަޅާފައި މިވަނީ، އީރާނާއި އެމެރިކާގެ ގުޅުން، އިންތިހާއަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.