މިސްރުގެ ރިޔާސީ ދައުރު އިތުރު ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފަށައިފިއެވެ.

މި މަސައްކަތްތައް ކާމިޔާބުވެއްޖެ ނަމަ 2034 ވަނަ އަހަރުގެ ނިޔަލަށް ވެރިކަމުގައި ދެމިހުންނެވުމުގެ ފުރުސަތު، މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއަށް ލިބިވަޑައިގަންނަވާނެއެވެ. އެއީ މިހާރު ހަމަޖެހިފައިވާ ދައުރަށް ވުރެ 12 އަހަރު އިތުރު މުއްދަތެކެވެ.

ރިޔާސީ ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ އަލް ސީސީގެ ރިޔާސީ ދައުރު މިހާރު އޮތް ގޮތުން 2022 ވަނަ އަހަރު ހަމަވާނެއެވެ.

މިފަދަ ބަދަލުތަކެއް މިސްރުގެ ވެރިކަން ހިންގުމުގެ ބާރަށް ގެނައުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ، އަނެއްކާ ވެސް ޚުދުމުޚުތާރު ވެރިކަމެއްގެ މުށުތެރެއަށް މިސްރު ވެއްޓިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ގާތްގަނޑަކަށް 30 އަހަރު ދުވަހުގެ ވެރިކަން ބަދަލުކޮށްލި މިސްރުގެ އިންގިލާބީ ޑިމޮކްރަޓިކް ވެރިކަން ކުޑަ ދުވަސްކޮޅެއްގައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމާއި އަލް ސީސީ ހަވާލުވެވަޑައިގެންނެވި ފަހުން މިސްރުގެ ޑިމޮކްރަޓިކް ކުރިމަގު ވަނީ ވަރަށް ބޮޑަށް ބަނަވެފައެވެ.

އަލް ސީސީގެ ރިޔާސީ ދައުރު އިތުރު ކުރެއްވުމާ މެދު މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ގޮތެއް ނިންމާނީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.