ޔަމަނު ހަނގުރާމާގައި ހަރަކާތްތެރިވާ ސައުދީގެ އަސްކަރީ ކޯލިޝަނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ހުއްޓާލުމަށް ބާރުދޭ ގަރާރެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފިކުރުފުޅާއި ފުށޫ އަރާ ގޮތަށް އެކުލަވާލާފައިވާ މި ގަރާރު ފާސްކުރުމަށް 241 މެމްބަރުން ވޯޓު ދެއްވިއިރު، މި ގަރާރާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 177 މެމްބަރުންނެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އެމެރިކާގެ ސެނެޓުން މިފަދަ ބިލެއް ފާސްކުރި ނަމަވެސް، ކޮންގްރެސްގެ ތެރެއިން މިކަމަށް ކުރި ލިބޭ ގޮތެއް ނުވެ ކޮންގްރެސްގެ ޖަލްސާތައް އެއަހަރަށް ނިންމާލީއެވެ.

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީގެ ކޯލިޝަނުން އަޅާ ބޮންތަކުގައި "މޭޑް އިން އެމެރިކާ" ނުވަތަ "އެމެރިކާގެ އުފެއްދުމެއް" ޖަހާފައި ހުންނަ މައްސަލައަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރުން އެގައުމުގެ އާންމު ރައްޔިތުންގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މީގެ މާނައަކީ ޔަމަނު ހަނގުރާމާގައި މަރުވާ މީހުންގެ ޒިންމާ، އެމެރިކާއިން އުފުލަންޖެހުން ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ޔަމަނު ހަނގުރާމާގައި ސައުދީއިން އިސްވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ހަނގުރާމަ ކުރަމުންދަނީ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަމުގެ ދިފާއުގައި، ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށެވެ.

ޔަމަނު ހަނގުރާމަ މުޅިން ހުއްޓުމަކަށް އައިސްދާނެ ކަމުގެ އަލިމަގެއް އަދިވެސް ފެނިފައިނުވާއިރު، ޔަމަނުގައި އުފެދިފައިވާ އިންސާނީ ކާރިސާއަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ހިތް ދަތި، އަދި އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށް އދއިންވެސް ވަނީ ކަނޑައަޅާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރި ގަރާރު ސެނެޓުން ފާސްވި ކަމުގައި ވީނަމަވެސް، މި ގަރާރަކީ ޓްރަމްޕް ވީޓޯ ކުރައްވާނެ ގަރާރެއް ކަމަށް ބެލެވެއެވެ.