މެމްބަރު ގައުމުތަކަށް އޮތް ނުރައްކަލެއް ކަމުގައި ބުނެ، ވިލާތުގެ އިއްތިހާދުން ސައުދީ އަރަބިއްޔާ ބްލްކެލިސްޓުކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުން ސައުދީ ބްލެކްލިސްޓް ކޮށްފައިވަނީ، ޓެރަރިޒަމްއަށް ފަންޑު ކުރުމާއި، ކަޅުފައިސާ ދޮވުމާއި ގުޅުންހުރި ކަންކަމުގައި ސައުދީގައި އޮތް ދޯދިޔާ އުސޫލުތަކުގެ ސަބަބުން ކަމަށްވެއެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން 7 ގައުމެއް މިލިސްޓަށް އަލަށް ލާފައިވާއިރު، މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ޖުމުލަ އަދަދު މިވަނީ 23 އަށް އަރާފައެވެ.

ވިލާތުގެ އިއްތިހާދުގެ ކޮމިޝަނުން ބުނީ އެ އިއްތިހާދުން ގައުމުތައް ބްލެކްލިސްޓް ކުރަނީ ކަޅު ފައިސާ ދޮވުމާއި ޓެރަރިޒަމަށް ފަންޑު ކުރުމާއި ދެކޮޅަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގައި މައްސަލަ ހުންނަ ގައުމުތައް ބަލައިގެން ކަމަށެވެ.

ވިލާތުގެ އިއްތިހާދުން ވަކާލާތުކުރާ ގޮތުގައި ކަޅުފައިސާ ދޮވުމާއި ދެކޮޅަށް އެންމެ ވަރުގަދަ ސިޔާސަތުތަކެއް އެކުލަވާލާ، އެފަދަ ނިޒާމެއް ގާއިމުކޮށްފައިވަނީ އެ އިއްތިހާދުގެ ނެޓްވާކުގެ ތެރޭގައެވެ. ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިންގާ "މުޑުދާރު" އަމަލުތަކުން ވިލާތުގެ އިއްތިހާދުގެ ތެރެއަށް ކަޅުފައިސާ ވަދެދާނެ ހުރިހާ މަގެއް ބަންދު ކުރުމަށް އެއިއްތިހާދަށް މަޖުބޫރުވާކަމަށް ވިލާތުގެ އިއްތިހާދުގެ ކޮމިޝަނުން ބުނެއެވެ.

ވިލާތުގެ އިއްތިހާދުގެ ކޮމިޝަނުން ސިފަކުރާ ގޮތުގައި ކަޅުފައިސާއަކީ ރާވައިގެން ހިންގާ ޖިނާއީ ކުށްތަކާއި ޓެރަރިޒަމްގެ ލޭނާރެވެ.

ވިލާތުގެ އިއްތިހާދުން ބްލެކްލިސްޓުކޮށްފައިވާ ގައުމުތަކުގައި މިހާރު އޮތް ސިޔާސަތުތައް އިސްލާހުކޮށް ހަރުދަނާ ކުރުމަށްވެސް ވިލާތުގެ އިއްތިހާދުގެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މި ލިސްޓުގައި ހިމެނޭ ގައުމުތަކާއި ދެކޮޅަށް ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރި ކަމުގައި ވީނަމަވެސް، މި ގައުމުތަކާއިއެކު ފައިސާގެ މުއާމަލާތްތައް ކުރާއިރު ހަރުކަށި އުސޫލުތަކެއްގެ ދަށުން ކަންކަން މޮނިޓާ ކުރެވޭނެއެވެ.