މިމަހުގެ ނުވަޔަކުން 11 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ލިވިން އެކްސްޕޯ ހަތްވަނަ އެޑިޝަންގައި ބައިވެރިވި ރިއަލް އެސްޓޭޓު ކުންފުނިތަކަށް މީ ކާމިޔާބު އަހަރެއް ކަމަށް އެ އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް އިން ބުނެފިއެވެ.

ތިން ދުވަސް ތެރޭގައި ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އެކްސްޕޯގައި 5800 މީހުން ޒިޔާރަތްކުރި ކަމަށާއި މިއަހަރުގެ އެކްސްޕޯގައި ވެސް ރާއްޖެއާއި އަވައްޓެރި ސްރީލަންކާގެ ރިއަލް އެސްޓޭޓު ކުންފުނިތަކުން ބައިވެރިވެފައިވާ ކަމަށް ހައިރައިޒް އިން ބުނެއެވެ. އަދި ލިވިން އެކްސްޕޯގެ އަށްވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީއަށް ތާވަލު ކޮށްފައިވާ ކަމަށް ހައިރައިޒް އިން ބުނެއެވެ.

އެގޮތުން ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތަކާއި ގެދޮރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ބައިވެރިވި މި އެކްސްޕޯއާ ދޭތެރޭ އެފަރާތްތަކުން ހިތްހަމަޖެހޭ ކަމަށާއި މިއީ ކާމިޔާބު އަހަރެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައިވާއިރު މިއީ ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.