ޖައްވީ ޓެކްނޮލޮޖީ ތަރައްގީ ކުރުން ރަޝިޔާއާއި ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ ޖައްވުގެ "ކޮންޓްރޯލް" ހޯދުމަށް އެމެރިކާއިން ޖަހަމުންދާ ރޭހުގައި އެމެރިކާއަށް ކުރިމަތިވާ ގޮންޖެހުންތަކެއް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)އިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ މައްޗަށް އެހެން ގައުމުތަކުން ޖައްވުގައި ހޯދަމުންދާ ކުރިއެރުންތަކަކީ، އެމެރިކާއަށް އެގައުމުން ވަކާލާތުކުރާ ޖައްވީ ސަލާމަތްތެރިކަމާއި ބަރުވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޕެންޓަގަންގެ އާ ރިޕޯޓް ބުނާ ގޮތުގައި، ޗައިނާއާއި ރަޝިޔާއިންވަނީ ލޭޒާގެ އެހީގައި ޖައްވީ އުޅަނދުފަހަރު ސުންނާފަތިކޮށްލެވޭ ވަރަށް އެ ގައުމުތަކުގެ ޖައްވީ ޓެކްނޮލޮކީ ތަރައްގީ ކޮށްފައެވެ.

އެމެރިކާގެ ދިފާއީ ޖާސޫސީ އޭޖެންސީއިން އިސް ދައުރެއް އަދާކުރި މި ރިޕޯޓް ބުނާ ގޮތުގައި، ބައެއް ގައުމުތަކުން ދަނީ ޖައްވީ ބާރުވެރިކަމާއިއެކު އެމެރިކާއަށް ލިބިފައިވާ ދިފާއީ ގާބިލިޔަތުކަން ފަނޑުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މި ރިޕޯޓަށް ރައްދު ދެމުން ޗައިނާއިން ބުނީ، އެމެރިކާގެ ދައުވާއަކީ އެއްވެސް އަސާސެއް އަދި ބާރެއްވެސް ނެތް ދައުވާތަކެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، ޗައިނާއާއި ރަޝީޔާ އަދި އެމެރިކާއަކީ 1967 ވަނަ އަހަރު އެކުލަވާލި "އައުޓާ ސްޕޭސް ޓްރީޓީ"ގައި ސޮއިކޮށްފައިވާ ތިން ގައުމެވެ. މި މުއާހަދާއަކީ ގެއްލުންދެނިވި ބަރު ހަތިޔާރު ޖައްވަށް ގެންދިއުމާއި ޖައްވު ތެރޭގައި ބެހެއްޓުން މަނާކުރާ މުއާހަދާއެކެވެ.