މަޝްވަރާގެ މަރުހަލާތައް ރާވަވަންވީ އެ މަޝްވަރާތަކެއްގެ ތެރެއިން ނަތީޖާއެއް ނެރޭވޭނެ ގޮތްތައް ބަލައިގެން ކަމަށް ޕާކިސްތާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ސުހައިލް މަޙުމޫދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޕޫނާގައި ހުންނަ އެމް.އައި.ޓީ ސްކޫލް އޮފް ގަވަމަންޓްގެ ދަރިވަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ ދޭދޭ ގައުމުތަކުގެ ގުޅުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ޒަމާންތައް ދިގުލާ ގޮސްފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދާ، ސަރަހައްދީ ގުޅުން ބަދަހިކޮށް، ހިއްސާކުރަނިވި ކުރިއެރުމާއި ފާގިތިކަން ހޯދުމަށް އެކުގައި މަސައްކަތް ކުރުމުގެ ފައިދާއާއި މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރު ސުހައިލް ވަނީ އިންޑިއާއާއި ޕާކިސްތާނުގެ އިލްމުވެރިންނާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ފަންނުވެރިންނާއި ކުޅިވަރު ކުޅުންތެރިންނާ ދެމެދު ބިނާކުރަނިވި ހިއްސާކުރުންތަކެއް މިހާރަށްވުރެ އިތުރަށް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ހަތުރުވެރިކަމުގެ ރޫހު، ބަދަހި ގުޅުމުގެ ރޫހަކަށް ބަދަލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ހައި ކޮމިޝަނަރު ބާރު އެޅުއްވި ކަމަށް، އިންޑިއާގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

މި އަމާޒުތައް ހާސިލުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ މީޑިއާކަންވެސް ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އިންޑިއާއާއިއެކު ދެން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދާނީ އިންޑިއާގެ އާންމު އިންތިހާބުގެ ކަންތައްތައް ނިންމާ، އާ ސަރުކާރެއް އެކުލަވާލެވުމުން ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނިކޮށެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ތާވަލުކޮށްފައިވަނީ މި ހިނގާ 2019 ވަނަ އަހަރުގެ އޭޕްރީލް މަހާއި މެއި މަހާއި ދެމެދުގެ މުއްދަތަކަށެވެ. އިންޑިއާގެ އާންމު އިންތިހާބަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ.