އަފްޣާނިސްތާނުގެ ސަރުކާރުން އެ ގައުމުގެ އިންތިހާބުތަކާއި ބެހޭ ކޮމިޝަނު އުވާލައިފިއެވެ.

ރައީސް އަޝްރަފު ޣަނީގެ ސަރުކާރުން، އިންތިހާބުތަކާއި ބެހޭ ކޮމިޝަނު އުވާލާފައި މިވަނީ ބޮޑެތި ހަމަނުޖެހުންތަކަކާއިއެކު މީގެ 3 މަހެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާވެސް އިއުލާން ނުކޮށް އުޅެނިކޮށެވެ. މީގެ އިތުރުން މި ދަނޑިވަޅަކީ، އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން، މިއަހަރުގެ ޖުލައި މަހަށް ތާވަލުކޮށްފައިވާ ދަނޑިވަޅެއްވެސްމެއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން އާންމު ކުރި އެންމެ 4 ޖުމުލައިގެ މައްޗަށް އެކުލެވޭ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ އިންތިހާބުތަކާއި ބެހޭ ކޮމިޝަނާއި، އިންތިހާބުތަކާއި ގުޅުން ހުރި ޝަކުވާ ހުށަހަޅާ ކޮމިޝަނު އުވާލާފައިވާ ކަމަށެވެ.

އިންތިހާބީ ކޮމިޝަންތައް އުވާލި ސަބަބެއް ބަޔާންކޮށްފައި ނުވި ނަމަވެސް، އާ ކޮމިޝަންތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރުމުގެ ފުރުސަތު، ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށް އަފްޣާނިސްތާނުގެ ސަރުކާރުންވަނީ ހަފުތާއެއްގެ މުހުލަތެއް ދީފައެވެ.