ފަލަސްޠީނަކީ ވަކިވެފައިވާ މިނިވަން ދައުލަތަކަށް ވުމަށާއި، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ވެގެން ދިއުމަށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒު އަލް ސައުދު ވިދާޅުވެއްޖެއެވެ.

އެމެރިކާއިން އިސްނަގައިގެން ކުރިއަށް ގެންދާ މެދުއިރުމަތީގެ ސުލްހައާއި ސަލާމަތާ ބެހޭ ކޮންފަރެންސްގެ ކުރިން ސައުދީގެ ސަލްމާން ރަސްގެފާނު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ މިހާރު އެގައުމަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްއާ އެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައެވެ.

ސައުދީ އަރަބިއްޔާއަކީ ފަލަސްޠީނާއި ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ދެމި އޮންނާނެ ގައުމެއްކަމަށް ސައުދީގެ ރަސްގެފާނު ދެންނެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ދަނޑިވަޅަކީ އިސްރާއީލާއި ފަލަސްޠީނު ސުލްހަކުރުމަށް "ޤަރުނުގެ އެއްބަސްވުމުގެ" ނަމުގައި އެމެރިކާއިން ސިފަކުރަމުން އަންނަ އެއްބަސްވުމެއްގެ މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ދަނޑިވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.