އެމެރިކާގެ ސަރަހައްދީ އިމުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ހިނގާ ހަރަދުތައް ހަމަޖައްސައ ިދިނުމާ ގުޅޭ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވާލި އެއްބަސްވުމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާ ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި ދިނުމަށް ގާނޫނު ހަދާ މަޖިލީހުން އަދިވެސް އިންކާރު ކުރާއިރު، މިކަން މުޅިން ނުވާނެއޭ ބުނެފައެއް ނުވެއެވެ. މަޖިލީސް ކޮންޓްރޯލް ކުރަމުންދާ އިދިކޮޅު ޑިމޮކްރަޓުންނާއި ވެރިކަން ކުރާ ރިޕަބްލިކަންސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މި މައްސަލައިގައި ވަނީ އެއްގަލަކަށް އަރާ ވަޑައިގެންފައެވެ.

ކަންމިހެން އޮތްއިރު ޓްރަމްޕް ވަނީ، އެމެރިކާގެ ސަރުކާރު އިތުރު މުއްދަތަކަށް ހުއްޓާލަން ޖެހޭނެ ކަމަށް އުއްމީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މަޝްވަރާ ކޮމިޓީން އެކުލަވާލި އެއްބަސްވުން އެގޮތަށް ފާސްކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ފާރު ބިނާ ކުރުމަށް ބޭނުންވާ ފަންޑު ހަމަޖައްސާ ނުދެނީސް ދައުލަތުގެ ބަޖެޓް ފާސްކުރައްވަން ޓްރަމްޕް އިންކާރު ކުރެއްވުމުގެ ސަބަބުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 35 ދުވަހުގެ މުއްދަތަކަށް އެމެރިކާގެ ސަރުކާރުގެ ބައެއް ހިދުމަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އޭގެ ފަހުން ސަރުކާރުގެ އެ ހިދުމަތްތައް މިހާރު ދެމުންދަނީ ވަގުތީ ހައްލެއްގެ ތެރެއިން ކަމަށްވާއިރު، ވަގުތީ އެއްބަސްވުމުގެ ސުންގަޑި އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން، މިހާރު އޮތް އެއްބަސްވުން ފާސްކުރެއްވުމަށް ޓްރަމްޕް އިންކާރު ކުރައްވައިފިނަމަ އެމެރިކާގެ ސަރުކާރު އަނެއްކާވެސް ހުއްޓުމަކަށް އަންނާނެއެވެ.