ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރު ސޫރިޔާގައި އޮތް ހަމައެކަނި ސަރަހައްދުން އެ ޖަމާއަތް 'ފައްސާލުމަށް' އެމެރިކާގެ އެއްބާރުލުމާއިއެކު ހަރަކާތްތެރިވަމުންދާ އަސްކަރީ ބާރުން ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިންވެސް ހިމެނޭ ގޮތަށް އާންމުންގެ 16 މީހުން މަރުވެއްޖެއެވެ.

މި ހަމަލާތަކުގައި 7 ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބިއެވެ.

އައިސިސްގެ ކޮންޓްރޯލް މިހާރު އޮތީ ސޫރިޔާގެ ދީރް-އަލް-ޒޯރް ޕްރޮވިންސްގެ ކުޑަ އަވަށެއްގައި ކަމަށްވާއިރު، ކުރުދީން އިސްވެ ހިންގާ ސީރިއަން ޑޮމޮކްރަޓިކް ފޯސަސް (އެސް.ޑީއެފް)ގެ ހަނގުރާމަވެރިންނަށް އެމެރިކާގެ އަސްކަރީ ކޯލިޝަނުން އެއްބާރުލުން ދެމުންދަނީ ސޫރިޔާއިން އައިސިސްގެ ބާރު މުޅިން ކަނޑުވާލުމާށެވެ.

އެސް.ޑީ.އެފްގެ ތަރުޖަމާނު މުސްތޮފާ ބާލީ ބުނީ، އަންގާރަ ދުވަހު ވަރުގަދަ ކުރިމަތިލުންތަކެއް ކުރިއަށްދާކަމަށެވެ.

ފުރާތު ކޯރުގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުތަކުގައި، އިރާގު ބޯޑަރާއި ދާދި ކައިރީގައި އައިސްގެ 600 އެއްހާ ހަނގުރާމަވެރިން އަދިވެސް އެބަތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.