އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރަކު، ނޫސްވެރިއަކަށް ހަމަލާދީ، އިތުރު ނޫސްވެރިންތަކަކަށް ފުރައްސާރަކޮށްފިއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން އަޅާ ޒާތުގެ ތޮތްޕެއް އަޅައިގެން ހުރި މީހާ ހަމަލާ އަމާޒުކުރީ ބީބީސީގެ ކެމެރާމަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ރޮން ސްކީންސްއަށެވެ. އެއައަށްފަހު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މީޑިއާ ކްރޫއާއި މުހާތަބުކޮށް ވަރަށް ހުތުރު ބަހުން އެމީހާ ވާހަކަ ދެއްކި ކަމަށް ޚަބަރު ލިބެއެވެ.

މިކަމެއް ހިންގާފައިވަނީ ޓެކްސަސްގައި ކުރިއަށްދިޔަ ކެމްޕެއިން ރެލީއެއްގެ ތެރޭގައެވެ.

ބީބީސީގެ ކެމެރާމަން ބުނާ ގޮތުގައި، އެމީހަކު އެ ހަމަލާ ދިން މަންޒަރު ޓްރަމްޕަށްވެސް ފެނިވަޑައިގަންނަވާނެއެވެ.

ޓްރަމްޕްގެ ސަޕޯޓަރު، ބީބީސީގެ ކެމެރާމަން ދެފަހަރަށް ކޮއްޕާލި ކަމަށާއި، ކޮންމެ ފަހަރަކުވެސް ކެމެރާއާއިއެކު ވެއްޓޭހާ ބާރަށް ކޮއްޕާލި ކަމަށާއި، އޭނާ ދުރުކުރީ އެ ދޭތެރެއަށް ބްލޮގަރެއް ވަދެގެން ކަމަށް ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޓްރަމްޕްގެ ކެމްޕެއިން އޮފިޝަލަކު ވިދާޅުވީ ހަމަލާ ދިން މީހާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ޓެކްސަސްގައި ކުރިއަށްދިޔަ ކެމްޕެއިން ރެލީއަކީ، މެކްސިކޯއާއި އެމެރިކާ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާކުރެއްވުމަށް ޓްރަމްޕް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ޕްރޮމޯޓްކުރެއްވުމަށްޓަކައި ޓްރަމްޕް ކުރިއަށްގެންދަވާ ރެލީއެކެވެ. ޓެކްސަސްއަކީ މެކްސިކޯއާއި އެމެރިކާ ހިއްސާކުރާ ސަރަހައްދާ އެންމެ ކައިރި ބިމެވެ.

ޓްރަމްޕަކީ އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވީއްސުރެ މީޑިއާއާއި ބީރައްޓެހި، އަދި މީޑިއާއަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އެގޮތުން "ނޫސްވެރިންނަކީ ރައްޔިތުންގެ ހަތުރުން"ގެ ގޮތުގައިވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.