އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްފިނުމަށްޓަކައި، 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފެއްދެވުމަށް، އިކޮނޮމިކް ކައުންސިލުގެ ލަފަޔާއެކުގައެވެ.

ރައީސް އޮފީހުން ބުނީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށެވެ. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ އެ ކޯޕަރޭޝަނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ހައުސިން ނީޑްސް އެސެސްމަންޓަށް ރިއާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.