މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރެޕެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން ނެޝަނަލް ހިއުމަން ރިސޯސަސް ކޮންވެންޝަން އެންޑް އެކްސްޕޯގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން މާޗް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު 4 ކުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކަމަށް އެމްއޭއެޗްއާރްޕީ އިން ބުނެއެވެ. އަދި މިއެކްސްޕޯ އަކީ، ވާލްޑް އެޗްއާރްޑީ ކޮންގްރެސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ޗާޓެޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް މެނޭޖްމެންޓް އިން އެންޑޯސްކޮށްފައިވާ އެކްސްޕޯއެއް ކަމަށް ވެސް ބުނެއެވެ.

މާގިރި ހޮޓަލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭއެޗްއާރްޕީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު އަހުމަދު މުހައްމަދު ދީދީ ވިދާޅުވީ، މި އަހަރުގެ އެކްސްޕޯގެ ތީމްއަކީ "ފިއުޗާ އޮފް އެޗްއާރް އެންޑް ވޯކް" ކަމަށާއި، ބައިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ވެސް މިތީމުގެ ދަށުން ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްއާރް އެކްސްޕޯ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއަހަރު ބާއްވާ އެކްސްޕޯގައި ރާއްޖޭ އަދި ރާއްޖޭން ބޭރުގެ އެޗްއާރް ޕްރެފެޝަނަލުން މައުލޫމާތު ދެއްވާނެ ކަމަށާއި، އެޗްއާރް އެކްސްޕޯ ބޭއްވުމުގެ މަގްސަދަކީ މިދާއިރާ އިތުރަށް ތަރައްގީކޮށް، ފަންނުވެރިން އުފެއްދުން ކަމަށް އަހުމަދު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު 300 މީހުނަށް ހުޅުވާލައިފައިވާ ކަމަށާއި، އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ހިޔުމަން ރިސޯސް އާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މައުލޫމާތު ވެސް ދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަންގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދައްކަން ޖެހެއެވެ. އެގޮތުން އެމްއޭއެޗްއާރްޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 99 ޑޮލަރު، އަދި އެކްސްޕޯގައި ބައިވެރިވާ އާއްމުން އެކްސްޕޯ ކުރިއަށްދާ ދެދުވަހަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 149 ޑޮލަރު އަދި އެއް އަހަރުގެ މުއްދަތަށް އެމްއޭއެޗްއާރްޕީގެ ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 129 ޑޮލަރު ދައްކަން ޖެހެއެވެ.