ކިއުގައި ނުޖެހި އޮންލައިންކޮށް ފުލެޓަށް އެދޭ ފަރާތްތަކުން ފުލެޓް ފޯމް ހުށަހެޅުމުގެ އިންތިޒާމް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ފުލެޓް ފޯމް ހުށަހަޅާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފޯމް ހުށަހެޅުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލްގައި ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި، އަދި ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ހަދާ އަޕްޑޭޓް ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މިއީ މިކަން ހާމަކަން ބޮޑު ގޮތެއްގައި ކޮށް ދެފުށް ފެންނަ ގޮތަކަށް ފުލެޓްގެ ކަންކަން ކުރުމަށް ގާއިމް ކުރި ޕޯޓަލްއެއް ކަމަށެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީވެ އެ މީހެއްގެ އަމިއްލަ މައުލޫމާތު ހިމެނޭނެއެވެ. އަދި މިކަމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ މަސައްކަތަށް ލުއި ލިބުމުގެ އިތުރުން ދިގު ކިއުގައި ޖެހިގެން ފުލެޓް ފޯމް ލުމަށް ކުރާ މަސައްކަތަށް ނިމުމެއް އަންނާނެއެވެ. ކިއުގައި ނުޖެހި ފުލެޓް ފޯމް ލެވޭނެ ގޮތް ހެއްދެވުމަކީ ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
ދާދި ފަހުން ރައީސް ސޯލިހުގެ ރިޔާސީ ބަޔާން އިއްވަމުން، އެ މަނިކުފާނު ވަނީ ހުޅުމާލޭގައި 4000 ފުލެޓް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.