ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބުމުން ކަންތައްތައް ހިނގައިިދިޔަ ގޮތް މާޒީގައި ފެނިވަޑައިގެންފައިވާ ކަމަށާއި، ވަކި ޕާޓީއަކަށް މެޖޯރިޓީ ދީފި ނަމަ ކަންތައްތައް ދާނީ "ހިތުހުރި ގޮތަކަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީން އިތުރު ދާއިރާތަކަށް ޓިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕް މެޖޯރިޓީ [ޕީޕީއެމް] އަށް ލިބުމުން ކަންކަން ވެގެންދިޔަ ގޮތް ތަޖްރިބާ ކުރައްވާފައިިވާ ކަމަށާއި، އެއް ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޭން އެއްވެސް ރައްޔިތަކު އެއްބާރުލުން ދޭން ނުޖެހޭ ކަމަށެވެ.
"ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ދެއްވައިފި ނަމަ ކަންތައްތައް ދާނީ ހިތުހުރި ގޮތަކަށް. ތެދެއް، ބޭނުންވާ ގޮތަކަށް ހިލައެއް ނުލެވޭނެ އޭރަކުން. އެ ވާހަކަ ކަން ނޭނގެ އެ ދަންނަވަނީ. އެހެންވެ، މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުން އެއްގޮތަކަށް ވެސް އެއީ ހެޔޮވާވަރު ކަމެއް ނޫން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގައި އޮތް ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބިގެން އެއްވެސް ކަމެއް އިސްލާހު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ޝަރުއީ ނިޒާމުގެ ވެރިން ވެސް އޭރަށް ތިބޭނީ "ތުރުތުރު އަޅައަޅާ" ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ އެބޭފުޅުންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ބާރު ވެސް އޭރަށް މަޖިލީހުގެ މެޖޯރީޓީ އޮތް ޕާޓީއަށް އޮންނާނެތީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ މި ދެންނެވި ޒިންމާދާރު ކުރުމުގެ ބައި ނިމިގެން ދަނީ. އެކަކު ނުވަތަ ވަކި ޕާޓީއަކުން ދެކޭ ހުވަފެނެއްގެ މައްޗަށް ބިނާކޮށް ގައުމު ހިނގައްޖެނަމަ ގައުމުގެ އިސްތިގުލަލާއި މިނިވަންކަމާއި އިންސާފު ނެތިދާނެ" ގާސިމް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެކަން ތަކުރާރު ކުރައްވަމުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގަކަށް އަރައި ނުގަންނަހާ ހިނދަކު ޖުމްހޫރީ ޕާޓީ އޮންނާނީ، ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި މަސައްކަތް ކުރާނީ އެ މަނިކުފާނާ އަތުގުޅާލައިގެން ކަމަށާއި، އެކަން "ފަނިކުރަން" މީހަކު އުޅުނަސް ކާމިޔާބު ނުވާނެ ކަމަށެވެ.