ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ އުފައްދަވަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވިއެވެ. އަދި އީސީން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުން، ލަސްނުކޮށް ޕާޓީގެ މެންބަރުން ހޯދުމުގެ މަސައްކަތް ފަށާނަން ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

އެމްއާރްއެމްގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަންގެ ނަމުގައެވެ. އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިން ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ޕާޓީ ދޫކޮށް ޕީޕީއެމް އުފެއްދެވިއެވެ. ނަމަވެސް ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކޮށް އެ ޕާޓީން ވަކިކޮށްފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަން ފެށްޓެވުމުންނެވެ. އެޕާޓީ ދޫކޮށްލައްވަން މައުމޫނަށް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.