މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ހާއްސަ ޓާސްކްފޯސްއެއް ވަނީ އެކުލަވާލާފައެވެ. އަދި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު އެ ޓާސްކްފޯސްއާ ހިއްސާކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އެގޮތުން، މިފަދަ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. މި ނަންބަރަށް އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފުލުހުންގެ ހިދުމަތުން ޔަގީންކަން ދޭ ގޮތުގައި، މި ނަންބަރަށް މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ވަނަވަރާއި ދެއްވާ މައުލޫމާތުތައް ފުރިހަމައަށް ސިއްރުކޮށް، ރައްކާތެރިކޮށްދެވޭނެއެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް މަރުހަލާއެއް ނުވަތަ އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި، އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
