އެމްޑީޕީއާއެކު މަޝްވަރާނުކޮށް ސަރުކާރުން މާލީ ފިޔަވަޅުތައް ކުރިއަށްދާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީން ފާސްކޮށްފިއެވެ.
މި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ގަރާރު ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ތާއީދާއެކުގައެވެ.
ހުށަހެޅުނު ގަރާރުގައިވާ ގޮތުން، ރައީސް މުއިއްޒުގެ އިގްތިސޯދީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހާއްސަކޮށް ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމަކީ ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ރިސޯޓުތަކުން މިހާރުވެސް ލިބޭ އާމްދަނީގެ 60 ޕަސެންޓާއި ގާތްކުރާ އަދަދެއް ޓެކްސް، ސާވިސް ޗާޖު އަދި ލޯނުތަކަށް ހަރަދުކުރަންޖެހޭކަން ފާހަގަކޮށް ސަރުކާރުން އަޅަމުންދާ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ހީނަރުވަމުންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެހެންކަމުން، މިފަދަ ފިޔަވަޅުތައް އެޅުން ހުއްޓާލައި، އިގްތިސޯދީ އަދި މާލީ ކަންކަމާމެދު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފައެވެ.
