ގައުމެއްގެ ކުޑަކަމަކީ އެ ގައުމެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވައި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަސް ނުވަތަ ވޯލްޑް ހިއުމަނިޓޭރިއަން ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތްކުރާ އެހީތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރެއްވިއެވެ. އަދި ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގައި އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިންތިހާއަށް އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އިންސާނީ ހައްގުތަކާއި އެހީތެރިންގެ ރައްކާތެރިކަން އެންމެ ބޮޑަށް ގެއްލިފައިވާ ތަނަކީ ގައްޒާކަން ފާހަގަކުރައްވަމުން، ގައްޒާއަށް އެހީ ވެއްދުމަށް ގަސްތުގައި ހުރަސްއެޅުމާއި، މަގުތައް ބަންދުކުރުމާއި، އެހީދޭ ފަރާތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް އޮންނާނެކަން ތަކުރާރުކުރައްވައި، ގައްޒާގައި ވަގުތުން ވަގުތަށް ދާއިމީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ ބައިވެރިއެއްގެ ގޮތުންނާއި، ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުވާ ބައިނަލްއަގްވާމީ ނިޒާމަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ހައްގުގައި، ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނުތަކަށާއި އާންމުންނާއި އެހީތެރިންގެ ރައްކާތެރިކަމަށް ދިވެހިރާއްޖެ އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނިއްޔަތުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، މިނިވަންކަމުގެ އަސާސްތަކަށް އިހްތިރާމްކުރުމަށް ހުރިހާ ގައުމުތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި ފުރާނަ ގުރުބާންކުރި އަދި ނުރައްކަލާ ކުރިމަތިލަމުންދާ ހުރިހާ ހިދުމަތްތެރިންގެ ޒިކުރާ އައުކުރައްވައި އެފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކުގެ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ޝުއޫރުތައް އެމަނިކުފާނު ވަނީ އެކްސް މެދުވެރިކުރައްވައިވެސް ހިއްސާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަސް ނުވަތަ ވޯލްޑް ހިއުމަނިޓޭރިއަން ޑޭގެ ގޮތުގައި ފާހަގަކުރަނީ، ނުރައްކާތެރި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެނިކޮށް އަނިޔާވި އަދި ފުރާނަ ގެއްލިގެންދިޔަ އެހީތެރިންގެ އަގުވަޒަންކޮށް، އެފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.