ރާއްޖޭގެ ބާޒާރުގައި މުދަލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް ތިރިކުރުމަށް އެމްޑީޕީގެ ފަރާތުން ސަރުކާރަށް ވަކި މުހުލަތުތަކެއް ދޭން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުމަށާއި، އަދި އެއް މަސްދުވަހުގެ ތެރޭގައި މި ސަރުކާރު ހަވާލުވިއިރު އޮތް އަގު ކަމަށްވާ 17 ރުފިޔާއަށް ޑޮލަރުގެ އަގު ތިރިކޮށްދިނުމަށް ސަރުކާރަށް ޑިމާންޑް ކުރައްވާނެ ކަމަށެވެ. މި ޑިމާންޑްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ބޭއްވުމަށް ނިންމާފައިވާ މުޒާހަރާގައެވެ.

މިއަދުގެ ބައްދަލުވުމުގައި ބާޒާރުގެ ހާލަތަށް ބައްލަވާލައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ކޮންމެ ހަފްތާއަކުވެސް ބާޒާރުގެ އަގުތައް ބަލައި ދިރާސާކުރަމުންދާކަމަށެވެ. އެގޮތުން އޮގަސްޓް 5 އިން 11 އާ ދެމެދު ގިނަ މުދަލެއްގެ އަގު ބޮޑުވެފައިވާކަން އެ ޕާޓީގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ފިޔާ ކިލޯއަކުން ދެ ރުފިޔާ ބޮޑުވެ، ކުރިން 12 ރުފިޔާއަށް ހުރި ފިޔާ ކިލޯއެއްގެ އަގު މިހާރު 14 ރުފިޔާއަށް އުފުލިފައިވާކަން ނަޝީދު ހާމަކުރެއްވިއެވެ.

ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކިއުކަމްބާ އިންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކިއުކަމްބާ ކިލޯއެއްގެ އަގު 65 ރުފިޔާއިން 105 ރުފިޔާއަށް ބޮޑުވެފައިވާ ކަމަށެވެ. މީގެ އިތުރުން ދޮންކެޔޮ ކިލޯއަކުން ފަސް ރުފިޔާ ބޮޑުވެ މިހާރު 70 ރުފިޔާއަށް ލިބޭއިރު، އާފަލާއި އޮރެންޖުގެ އަގުވެސް ވަނީ އުފުލިފައެވެ. އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ނެޕީގެ އަގުތަކަށް އައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ނެޕީ ކުދި ޕެކެޓެއްގެ އަގު 17 ރުފިޔާ ބޮޑުވެ މިހާރު 199 ރުފިޔާއަށް އަރާފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ އިތުރުން ފެރީގެ ދަތުރުފަތުރުގެ އަގު ބޮޑުވުމަކީވެސް އޮތް ގޮންޖެހުމެއްކަން ނަޝީދު ބަޔާންކޮށްދެއްވިއެވެ. މިކަންކަން މިގޮތަށް ދިމާވަނީ ހަމައެކަނި ޑޮލަރުގެ ދަތިކަމުން ނޫން ކަމަށާއި، ބަނދަރުގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުން ބޯޓުފަހަރުން މުދާ ބޭލުމަށް ދިމާވާ އުނދަގޫތަކުގެ ސަބަބުންވެސް އަގުތައް އިންތިހާއަށް އުފުލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބައްލަވަމުން ނަޝީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު 22 ރުފިޔާއާ ގާތްކުރާ ކަމަށާއި، މި ހާލަތު މިގޮތަށް ކުރިއަށްދާނަމަ ރާއްޖެ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ޑޮލަރު މަދުވާ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރަދުތައް ބޮޑުވުން ކަމަށާއި، ނުކުރަންޖެހޭ އެތައް ހަރަދެއް ސަރުކާރުން ކުރަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ރަށްރަށުގެ އިހުތިސާސުން އަމިއްލަ މީހުންގެ ގޯތިގެދޮރުވެސް ވަކިކުރެވިދާނެ ފުރުސަތު އޮތުމަކީ ރަށްރަށުގައި ބޮޑު ކަންބޮޑުވުމެއް އުފެދޭނެ ކަމެއް ކަމަށެވެ.

މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މޫސުން ގޯސްވި ނަމަވެސް މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.