ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށް، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާކަން ހާމަކޮށްފިއެވެ.

އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު މުރުތަޟާ ވިދާޅުވި ގޮތުގައި، މި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި މާލީ ދަތިތަކާއި މަރުކަޒުތައް އަޅާ ލޮކޭޝަން ބަދަލުކުރަން ޖެހުން ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ލޮކޭޝަން ބަދަލުކުރުމުގެ ސަބަބުން އަލުން ޑިޒައިން ކުރަންޖެހި، ކޮންމެ ރަށަކަށް ގާތްގަނޑަކަށް 3.5 މިލިއަން ނުވަތަ 4 މިލިއަން ރުފިޔާގެ އިތުރު ހަރަދެއް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ވުޒާރާއިން ބުނީ 28 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި 82 ރަށަކަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ ހާއްސަ އާލާތްތައް ފޯރުކޮށްދީފައިވާއިރު 92 ރަށަކަށް ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްތައް ހަވާލުކޮށްފައިވާކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި 6 ރަށެއްގައި ކާދު (ކޮމްޕޯސްޓް) ހަދާ ޓެކްނޮލޮޖީ އިންސްޓޯލްކޮށް، ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ.

ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް ހަވާލުކޮށްފައިވާ 129 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއި ހަވާލުކޮށްފައިވާ 110 ރަށަކާއި، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.