މީގެ ދިހަ އަހަރު ކުރިން، އުމުރުން 30 އަހަރުގެ އަލީޝިއާ (އަސްލު ނަމެއް ނޫން) ގައުމުން ބޭރުގައި އުޅުމަށްފަހު އެނބުރި އައިސް ހޭލިއިރު، އޭނާއަށް އިހުސާސް ކުރެވުނީ އާދަޔާހިލާފަށް ބޯއަނބުރާ ކަމެވެ. ދަތުރުގެ ވަރުބަލިކަމާއެކު، އޭނާ އުޅުނީ ރޯގާއެއް ޖެހިގެން އެކަމުން ރަނގަޅުނުވެގެންނެވެ. އެމެރިކާގެ ޑަލަސްގައި ގަޑި ފަރުމާކުރާ މީހެއްގެ ގޮތުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާގެ ޑޮކްޓަރު ލަފާކުރި ގޮތުގައި، ރޯގާ ރަނގަޅުވުމުން ބޯއެނބުރުންވެސް ރަނގަޅުވާނެއެވެ. ނަމަވެސް އެކަން ދުވަހަކުވެސް ރަނގަޅުނުވި ކަމަށް އޭނާ ބުންޏެވެ.
ކަންފަތާއި ނޭފަތާއި ކަރުގެ ހާއްސަ ޑޮކްޓަރުންނާއި، ސިކުނޑީގެ ހާއްސަ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 ޑޮކްޓަރުންނަށް ދެއްކިއިރުވެސް، އަލީޝިއާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އޭނާއަށް އަލިގަދަވުމާއި އަޑުގަދަވުމުން އުނދަގޫވާން ފެށިއެވެ. އޮފީހުގައި ކޮމްޕިއުޓަރު ސްކްރީނަށް ބަލަހައްޓައިގެން އިނުމަކީ ކެތްނުކުރެވޭވަރުގެ ކަމަކަށް ވިއެވެ. ބައެއް ދުވަސްދުވަހު، ކާރު ޕާކުކުރުމަށްފަހުވެސް ކާރު ދުއްވާހެން އޭނާއަށް އިހުސާސްކުރެވެއެވެ.
އިމަޖެންސީ ރޫމްގެ ޑޮކްޓަރަކު އޭނާއަށް ބުނީ އެއީ ވާޓިގޯ ކަމަށެވެ. އެއީ ބައްޔެއްގެ އަލާމާތެކެވެ. ބައްޔެއް ނޫނެވެ. އަލީޝިއާ ކިޔައިދިން ގޮތުގައި، އެންމެންވެސް ބުނަމުންދިޔައީ އެއީ ހާސްވުމާއި، ޑިޕްރެޝަން ފަދަ ތަފާތު ކަންކަމުގެ ސަބަބުން ވާގޮތެއް ކަމަށެވެ. އޭނާގެ ހުރިހާ އަލާމާތްތަކަކާ ގުޅޭ ބައްޔެއްގެ ނަން، "ވެސްޓިބިއުލާ މައިގްރޭން" ކަމަށް ޑޮކްޓަރަކު ބުނުމާ ހަމައަށް ފަސް މަސް ދުވަސް ހޭދަވިއެވެ.
މިއީ ގިނަ ބަޔަކަށް ނޭނގޭ މައިގްރޭންގެ ބާވަތެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކަކީ ބޯއެނބުރުމާއި، ހަށިގަނޑުގެ ބެލެންސް ގެއްލުމާއި، ވާޓިގޯއެވެ. ނަމަވެސް ބޮލުގައި ރިއްސުމެއް ނުހުރެއެވެ. އާންމުގޮތެއްގައި ބޮލުގައި ރިއްސުން ނުހުންނާތީ، ޑޮކްޓަރުންނަށް ގިނަ ފަހަރަށް މިއީ މައިގްރޭންއެއްކަން ދެނެގަންނަން އުނދަގޫވެއެވެ. 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި، ވެސްޓިބިއުލާ މައިގްރޭން ހުންނަ މީހުންގެ ތެރެއިން ބޯއަނބުރަނީ މައިގްރޭންގެ ސަބަބުންކަން އެނގެނީ އެންމެ 10 އިންސައްތަ މީހުންނަށެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯގެ އެސޯސިއޭޓް ޕްރޮފެސާ އޮފް އޮޓޮލެރިންގޮލޮޖީ އަދި މި ދިރާސާގައި ބައިވެރިވި ޑޮކްޓަރު ޖެފްރީ ޝެރަން ވިދާޅުވި ގޮތުގައި، އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް 3 އިންސައްތަ މީހުންނަށް މި ބަލި ޖެހިފައި ވެއެވެ. ނަމަވެސް މިއީ އަސްލު އަދަދަށްވުރެ މަދު އަދަދެއް ކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވީ މިއީ މީހުންނަށް ނޭނގޭ އެންމެ އާންމު ބަލި ކަމަށެވެ. އަދި ވެސްޓިބިއުލާ ނިޒާމަކީ ސިއްހީ ދާއިރާގައި ގިނަ ފަހަރަށް ހަނދާންނެތިފައިވާ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަޖުރިބާކާރުން ސިފަކުރައްވާ ގޮތުގައި މައިގްރޭންއަކީ މައިގަނޑު ގޮތެއްގައި ހިއްސުތަކުގެ މައުލޫމާތު ޕްރޮސެސްކުރުމުގައި ދިމާވާ މައްސަލައެކެވެ. މައިގްރޭން އެޓޭކެއް އަންނަ ވަގުތު، ސިކުނޑީގެ އާދަޔާހިލާފު ހަރަކާތްތަކެއްގެ ސަބަބުން ޓްރައިޖެމިނަލް ނާވްއަށް އަސަރުކުރެއެވެ. މީގެ ސަބަބުން ސީޖީއާރްޕީ ކިޔާ މޮލިކިއުލްތަކެއް ދޫކޮށް، ކައިރީގައިވާ ލޭހޮޅިތައް ދުޅަވެ، ނާރުތައް ސެންސިޓިވް ވެއެވެ. މީގެ ނަތީޖާއަކީ ނާރުތަކުގެ ނިޒާމު އާދަޔާހިލާފަށް ސެންސިޓިވްވެ، އަލި، އަޑު، އަދި ވަސް ފަދަ ކަންކަމަށް ވަރަށް ބޮޑަށް އަސަރުކުރުމެވެ.
ވެސްޓިބިއުލާ މައިގްރޭން މައިގަނޑު ގޮތެއްގައި އަސަރުކުރަނީ ކަންފަތުގެ އެތެރޭގައިވާ ވެސްޓިބިއުލާ ނިޒާމަށެވެ. މިއީ ސިކުނޑިއާ ގުޅިގެން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށާއި، ލޮލުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ނިޒާމެކެވެ. މި ނިޒާމު މާބޮޑަށް ސެންސިޓިވް ވުމުން، ބޯއެނބުރުމާއި ބެލެންސް ގެއްލުން ކުރިމަތިވެއެވެ.
ބޯއެނބުރުން ހިމެނޭތީ، މިއީ ނިއުރޮލޮޖީ އާއި އޮޓޮލޮޖީއާ ދެމެދުގައިވާ ބައްޔެކެވެ. ގިނަ ފަހަރަށް މިއީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއް ކަމަށްވާ މެނިއާސް ޑިޒީޒް ނުވަތަ އެހެން ނިއުރޮލޮޖިކަލް ބައްޔެއް ކަމަށް އޮޅިފައި ވެއެވެ. 2012 ވަނަ އަހަރާ ހަމައަށް މި ބަލި ދެނެގަންނާނެ ރަސްމީ މިންގަނޑެއް ނެތެވެ.
މި ބަލި ދެނެގަތުމަށް އުނދަގޫވި ނަމަވެސް، މިއަށް މަގުފަހިކުރާ މައިގަނޑު ތިން ކަމަކާ މެދު ތަޖުރިބާކާރުން އެއްބަސްވެއެވެ. އެއީ ހާސްވުން، ނިދި މަދުވުން، އަދި ހަށިގަނޑު ދުޅަވުމެވެ. މިސާލަކަށް، އުމުރުން 35 އަހަރުގެ މީހަކަށް ދަރިއަކު ލިބި، ނިދި މަދުވެ، މަސައްކަތް ގިނަވެ، އެލާޖީގެ މައްސަލަތައް ދިމާވުމުން، ކުއްލިއަކަށް ގަދަޔަށް ބޯއަނބުރާ، އެތައް ގަޑިއިރެއް ވަންދެން އޮށޯވެ އޮންނަން ޖެހިދާނެއެވެ. އަދި އޭގެ ފަހުން އެތައް ދުވަހެއް ވަންދެން ވަރުބަލިވެ، އަލިގަދަވުމާއި އަޑުގަދަވުމުން އުނދަގޫވެދާނެއެވެ.
ވެސްޓިބިއުލާ މައިގްރޭންއަށް ވަކި ހާއްސަ އެއް ފަރުވާއެއް ނެތެވެ. ގިނަ ފަހަރަށް ޑޮކްޓަރުން ލަފާދެނީ ތަފާތު ބޭސްތަކާއި، ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުމަށާއި، ސަޕްލިމެންޓްތައް ބޭނުން ކުރުމަށެވެ. ޓެކްސަސްގެ އާވިންގްގައި ހުންނަ ކްލިނިކެއް ހިންގާ ނިއުރޮލޮޖިސްޓް ޑޮކްޓަރު ޝިން ބޭ ވިދާޅުވި ގޮތުގައި، ގިނަ މީހުން އޭނާގެ ގާތަށް އަންނަނީ އެތައް ޑޮކްޓަރުންނަކަށް ދެއްކުމަށްފަހު ގޮތްހުސްވެގެންނެވެ.
އަލީޝިއާގެ ސިކުނޑީގެ އެމްއާރްއައި ސްކޭންތައް ބެއްލެވުމަށްފަހު، ޑޮކްޓަރު ބޭ ވަނީ މައިގްރޭންގެ އަސަރުތައް ދެނެގަނެފައެވެ. އޭނާ އަލީޝިއާއަށް ދެއްވި ފަރުވާގައި ހިމެނެނީ ޓިމޮލޯލް ކިޔާ ލޮލަށް އަޅާ ބޭހަކާއި، ހާސްވުމަށް ދޭ ބޭހެއް ކަމަށްވާ ލޮރަޒެޕާމްއެވެ. މީގެ އިތުރުން މެގްނީޒިއަމް، ކޯކިއުޓެން އަދި ވިޓަމިން ބީޓޫ ފަދަ ސަޕްލިމެންޓްތައް ބޭނުން ކުރުމަށް ލަފާދެއްވިއެވެ. އަދި ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެންގެވިއެވެ. މީގެ ތެރޭގައި ހާސްކަން ބޮޑު ވަޒީފާ ދޫކޮށްލުމާއި، ކެފެއިން ހިމެނޭ ބުއިންތައް ހުއްޓާލުން ހިމެނެއެވެ.
ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، އަލީޝިއާގެ ހާލަތު ރަނގަޅުވަމުން އައިސް، މިހާރު 10 އަހަރު ފަހުން އޭނާ ހުރީ ބަލިން މުޅިން ރަނގަޅުވެފައެވެ. އޭނާ އަދިވެސް ކޮންމެ ދުވަހަކު ސަޕްލިމެންޓްތައް ބޭނުންކުރެއެވެ. ނަމަވެސް ބޭސް ބޭނުންކުރަނީ ހަމައެކަނި ކުއްލި ހާލަތްތަކުގައެވެ.
މި ބައްޔަށް އިތުރު ސަމާލުކަމެއް ލިބެމުން އަންނައިރު، އާ ދިރާސާތަކުން އުންމީދީ ނަތީޖާތަކެއް ފެންނަމުންދެއެވެ. 2024 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި، ސީޖީއާރްޕީ އިންހިބިޓަރެއް ކަމަށްވާ ގަލްކަނެޒުމާބް (އެމްގަލިޓީ) ބޭނުންކުރުމުން ބޯއެނބުރުން ކުޑަވެގެންދެއެވެ. ނަމަވެސް މި ބޭސްތަކުގެ ފައިދާ ހުރި މިންވަރު ދެނެގަތުމަށް ބޮޑެތި ތަހުލީލުތަކެއް އަދި ކުރެވިފައެއް ނުވެއެވެ.
ޑޮކްޓަރުން ފާހަގަކުރެއްވި ގޮތުގައި، ވެސްޓިބިއުލާ މައިގްރޭންއަށް ރަނގަޅު ފަރުވާތަކެއް ހޯދުމަށްޓަކައި، ފުރަތަމަ މި ބައްޔާ ބެހޭގޮތުން އިތުރަށް ދެނެގަންނަން ޖެހެއެވެ. މިއީ އާންމު މައިގްރޭންއާ އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، މުޅިން ތަފާތު ބައްޔެއްކަން މިހާރު ދަނީ ހާމަވަމުންނެވެ.
