އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ސިއްހަތަށް ފައިދާހުރި ގޮތަށް ކެއިންބުއިމުގެ އާދަތައް ބައްޓަންކުރަން ބޭނުންވާ މީހުންނެވެ. ނަމަވެސް މީސްމީޑިއާގައި ފެންނަ ތަފާތު ޑައިޓްތަކާއި، ކާނާއާ ގުޅޭ ގޮތުން ދެކެވޭ ތަފާތު ވާހަކަތަކުގެ ސަބަބުން ގިނަ ފަހަރަށް އޮންނަނީ ގޮތް ހުސްވެފައެވެ. ކާންވީ ކޯއްޗެއްކަމެއް ނުވަތަ ދޫކޮށްލަންވީ ކޯއްޗެއްކަމެއް ނޭނގި، "ބޯގޯސްވާ" ފަހަރުވެސް އާދެއެވެ. އަޅުގަނޑަށް ވެސް މިކަން މިގޮތަށް ދިމާވެއެވެ. އެހެންކަމުން، މި އަހަރުގެ މިހާތަނަށް ސިއްހީ މާހިރުން ދެއްވާފައިވާ އެންމެ މުހިންމު އިރުޝާދުތަކަށް ބަލައިލުން މުހިންމެވެ.
ނިއުޔޯކް ޓައިމްސްއިން ދާދި ފަހުން ވަނީ 2026 ވަނަ އަހަރުގެ މިހާތަނަށް ނިއުޓްރިޝަންގެ ދާއިރާއިން ފާހަގަކުރެވުނު އެންމެ މުހިންމު 10 ކަމެއް އާންމުކޮށްފައެވެ. މި މައުލޫމާތުތަކަށް ބަލާއިރު، އަޅުގަނޑުމެން އާންމުކޮށް ގަބޫލުކުރާ ބައެއް ކަންކަމަކީ ސައިންސުގެ އަލީގައި އެހާ ރަނގަޅު ކަންކަމެއް ނޫންކަން ހާމަވެއެވެ.
ފްރޯޒަން ޔޯގަޓާއި ލޯ-ކާބް ޑައިޓް
އައިސްކްރީމްގެ ބަދަލުގައި ފްރޯޒަން ޔޯގަޓް ކެއުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ސަބަބަކީ އެއީ ސިއްހަތަށް މާ ފައިދާހުރި އެއްޗެއް ކަމަށް ގަބޫލުކުރެވޭތީއެވެ. ނަމަވެސް ނިއުޓްރިޝަން ތަޖުރިބާކާރުން ބުނާ ގޮތުގައި، ފްރޯޒަން ޔޯގަޓްގައި އައިސްކްރީމަށް ވުރެ ސެޗުރޭޓެޑް ފެޓް މަދުވި ނަމަވެސް، އޭގައި ހަކުރު އެކުލެވޭ މިންވަރު ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގައި ހުންނަ ކަމަށް ބުނާ ޕްރޮބަޔޮޓިކްގެ ފައިދާތަކަކީ ސައިންސުން އެހާ ބޮޑަށް ސާބިތުވެފައިވާ ކަންކަމެއް ނޫން ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ބަރުދަން ލުއިކުރުމަށްޓަކައި ކާބޯހައިޑްރޭޓް މަދުކުރުން ނުވަތަ "ލޯ-ކާބް" ޑައިޓް ކުރުމަކީ ވެސް އާންމު ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކުރު މުއްދަތެއްގައި ބަރުދަން ލުއިކުރުމަށް މިއީ ރަނގަޅު ގޮތަކަށް ވިޔަސް، ދިގު މުއްދަތަކަށް ބަލާއިރު މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިންމު ފައިބަރު ފަދަ މާއްދާތައް ނުލިބިދިއުމުގެ ނުރައްކާ އޮވެއެވެ. މުހިންމީ ކާބޯހައިޑްރޭޓް ކާ މިންވަރަށް ވުރެ، އޭގެ ފެންވަރު ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.
ފައިބަރުގެ މުހިންމުކަމާއި އޯޓްސް
އަޅުގަނޑުމެންގެ ކެއުމުގައި ފައިބަރު ހިމެނޭ މިންވަރު މަދުކަން ގިނަ ދިރާސާތަކުން ދައްކައެވެ. ނަމަވެސް މިއީ ފަސޭހައިން ހައްލުކުރެވިދާނެ ކަމެކެވެ. މިސާލަކަށް، ޕޮޕްކޯން، ހުމްސް އަދި ޕީސް (ފެހި މުގު) ފަދަ ތަކެއްޗަކީ ފައިބަރުން މުއްސަނދިވެފައިވާ ތަކެއްޗެވެ. ހާއްސަކޮށް ޕީސްއަކީ ޕްރޮޓީން ވެސް ގިނަ އަދަދަކަށް އެކުލެވޭ، މަހުގެ ބަދަލުގައި ބޭނުންކުރެވިދާނެ ފައިދާހުރި ކާނާއެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އޯޓްސްއަކީ ވެސް ސިއްހަތަށް ނުހަނު ފައިދާހުރި އެއްޗެކެވެ. އޭގައި އެކުލެވޭ "ބީޓާ-ގްލޫކަން" ނަމަކަށް ކިޔާ ފައިބަރުގެ ބާވަތެއްގެ ސަބަބުން ލޭގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އޯޓްސް އެހީތެރިވެދޭ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ޕްރޮޓީން ގިނަވުމާއި އިންޓަމިޓެންޓް ފާސްޓިން
މިހާރަކަށް އައިސް ޕްރޮޓީން ގިނައިން ކެއުމަކީ ވަރަށް އާންމު ޓްރެންޑެކެވެ. ނަމަވެސް ތަޖުރިބާކާރުން އިންޒާރުދެއްވާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ޕްރޮޓީން ބޭނުން ކުރުމަކީ ގެއްލުންހުރި ކަމެކެވެ. ހާއްސަކޮށް ރަތް މަހާއި ޕްރޮސެސްކޮށްފައިވާ މަހުން ޕްރޮޓީން ހޯދާ ނަމަ، ހިތުގެ ބަލިތަކާއި، ޓައިޕް 2 ޑައިބެޓީސް އަދި ކެންސަރުގެ ބައެއް ބާވަތްތަކަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
އަދި ވަކި ގަޑިތަކެއްގައި ނުކައި ހުރުން ނުވަތަ "އިންޓަމިޓެންޓް ފާސްޓިން" އަކީ ވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. މީގެ ސަބަބުން ބަރުދަން ލުއިވުމާއި ސިކުނޑީގެ މަސައްކަތް ރަނގަޅުވާ ކަމަށް ބުނެވުނު ނަމަވެސް، މިކަންކަން ސާބިތުކޮށްދޭ ސައިންޓިފިކް ހެކިތައް އަދިވެސް ވަރަށް ބަލިކަށި ކަމަށް ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކެންސަރުގެ ނުރައްކަލާއި ހެނދުނުގެ އާދަތައް
ކެއިންބުއިމުގެ އާދަތަކާއި ކެންސަރާ އޮންނަ ގުޅުމަކީ ވަރަށް ބޮޑު ގުޅުމެކެވެ. މޭވާއާއި ތަރުކާރީ، ހޯލް ގްރެއިން އަދި ގަސްގަހާގެހިން ލިބޭ ޕްރޮޓީން ގިނައިން ބޭނުންކުރާ ނަމަ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ބަނގުރާ ނުވަތަ އަލްކަހޯލް ބުއިމަކީ ވެސް ފުރަމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ ކަމެއްކަން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ.
މީސްމީޑިއާގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ހެނދުނު ހޭލައިގެން ހޫނު ފެން ބުއިމުން ލިބޭ ފައިދާތަކުގެ ވާހަކައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ހަޖަމުކުރުމުގެ ނިޒާމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭ ކަމަކަށް ވިޔަސް، މިއީ ހުރިހާ ބައްޔަކަށް އޮތް ފަރުވާއެއް ނޫނެވެ. އަދި މޫނުމަތި ސާފުވުން ފަދަ ކަންކަމަކީ ހަމައެކަނި ހޫނު ފެން ބޮއެގެން ހާސިލުވާނެ ކަންކަމެއް ނޫނެވެ.
ސިއްހަތަށް ފައިދާހުރި ގޮތަށް ކެއިންބުއިން ބައްޓަންކުރުމަކީ އުނދަގޫ ކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ މީސްމީޑިއާގައި ފެންނަ ކޮންމެ އާ ޓްރެންޑެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި، ސައިންސާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން އަމަލުކުރުމެވެ. ކުދިކުދި ބަދަލުތަކަކުން ފަށައިގެން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އާދަތަކެއް އަށަގަންނުވައިފި ނަމަ، އުފާވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.
