އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ އުރީދޫ ފުޓްބޯޅަ ފޯރި ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ހާއްސަ މުބާރާތެކެވެ.

މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރިއާއި ރޫހު މި އީ-ސްޕޯޓްސް މުބާރާތުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.

ވާދަވެރި ގިނަ މެޗުތަކަކަށްފަހު، މުޅި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީއެވެ. ޒަމީލް ވަނީ މުޅި މުބާރާތުގައިވެސް ނުހަނު މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ރަނައަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ (ސެކަންޑް ރަނައަޕް) ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އަގުހުރި އިނާމުތަކެއް ހަދިޔާކޮށްފައެވެ:

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8,000 ރުފިޔާ، ތަށި، ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް)
  • ރަނައަޕް: އަބްދުﷲ މާހިލް (5,000 ރުފިޔާ، ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް)
  • ތިންވަނަ: ޒަކްވާން ޝިހާދު (2,000 ރުފިޔާ، ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް)

އުރީދޫ ނޭޝަން ކަޕަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި، ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ކެމްޕޭނުގެ މުހިންމު ބައެކެވެ. މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ ރާއްޖޭގެ ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާޢީ ގުޅުން ބަދަހިކުރުމެވެ.

އުރީދޫއިން ވަނީ މި މުބާރާތުގެ ހުރިހާ ބައިވެރިންނަށާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް މަރުހަބާ ކިޔައި، މިއީ ފުޓްބޯޅައާއި އީ-ސްޕޯޓްސްގެ ރޫހު އާލާކޮށްދިން ކާމިޔާބު މުބާރާތެއްކަން ފާހަގަކޮށްފައެވެ.