ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ސިޔާސަތުގެ ދަށުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީން މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ނާސަރީތައް ތަރައްގީ ކުރުމަށް ބޭނުންވާ ގްރާންޓް އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތުގެ ފުރަތަމަ ބުރުގައި 10 ރަށެއްގެ ކައުންސިލާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ.
ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:
- ހއ. ކެލާ
- ށ. މިލަންދޫ
- ނ. ކެނދިކުޅުދޫ
- ރ. އިންނަމާދޫ
- ބ. މާޅޮސް
- އއ. މަތިވެރި
- މ. މުލައް
- ތ. ކިނބިދޫ
- ގއ. ދާންދޫ
- ގދ. ތިނަދޫ ސިޓީ
މި އެއްބަސްވުމުގެ ދަށުން ނާސަރީ ތަރައްގީ ކުރުމަށް ކޮންމެ ރަށަކަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޮއިކުރާ ތާރީހުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތްތައް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ، އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެ ކަމަށެވެ. މީގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މި މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށްޓަކައި ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
2024 ވަނަ އަހަރުގެ ތިމާވެށި ދުވަހު އިފްތިތާހުކުރި މި ބޮޑު މަޝްރޫއަށް މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ ގަހުގެ އަހުދު ލިބިފައިވާއިރު، 1.6 މިލިއަނަށްވުރެ ގިނަ ގަސް މިހާރު ވަނީ އިންދިފައެވެ. މި އަހަރުގެ އަމާޒަކީ އިތުރު 1 މިލިއަން ގަސް އިންދުމެވެ.
