ދިވެހިރާއްޖޭގެ އިގްތިސޯދު ވެއްޓިފައި އޮތް އަނދަވަޅުގެ އެންމެ ފުނުން މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށްޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައިގެން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ޝާއިއުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. "މިހާރު" ނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ މި ސިނާއަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގެ މުހިންމު ނުކުތާތައް:

  • މިފްކޯގެ ހަރުދަނާކުރުން: މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތުން މިހާރުވެސް ކާމިޔާބީތަކެއް ފެންނަމުންދާ ކަމަށާއި، މަސްގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
  • ބޮޑުކަންނެލީގެ މަސްވެރިކަން: ބޮޑުކަންނެލީގެ މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ދެވޭނީ މިފްކޯ އަލުން އެ މަސައްކަތުގެ ތެރެއަށް ވެއްދިގެން ކަމަށާއި، އެ މަސައްކަތް މަސްވެރިންގެ ބައިވެރިވުމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
  • ބޭރުގެ ބާޒާރު: އިނގިރޭސިވިލާތުން ދިވެހި މަހަށް ދީފައިވާ ޓެރިފް އިނާޔަތްތައް ދާއިމީ ކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
  • އިގްތިސޯދީ އިސްލާހު: ސަރުކާރުގެ ކުންފުނިތައް އެކަށީގެންވާ ސައިޒަށް ކުޑަކުރުމުން، މަސައްކަތްތެރިން މަސްވެރިކަމުގެ ސިނާއަތަށް އެނބުރި އައުމަށް މަގުފަހިވެ، މުޅި އިގްތިސޯދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްގީ ކުރުމަށް ހުރި ގޮންޖެހުންތަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ޖުމުލަ ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.