އަރިއަތޮޅު ދެކުނުބުރީގެ ހިމާޔަތްކޮށްފައިވާ މެރިން ސަރަޙައްދު ނުވަތަ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) އަށް ވަންނަ ހުރިހާ އުޅަނދުތަކެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ޑިރެކްޓާ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ އަބްދުއްރަހްމާން ވިދާޅުވީ މިއީ 2025 ވަނަ އަހަރު އެކުލަވާލި ސަންޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން އެ ސަރަހައްދުގެ ތިމާވެށްޓާއި ފެހުރިހިތައް ރައްކާތެރިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މުހްސިނާ ވިދާޅުވީ އައު އުސޫލުގެ ދަށުން ސަންޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކަށް ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ބުރަފަތީގައި "ޕްރޮޕެލާ ގާޑް" ހަރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި 10 ފޫޓަށްވުރެ ކުދި އުޅަނދުތައް އެ ސަރަހައްދަށް ވަނުމަކީ މަނާކަމެކެވެ.
ސަންޕާ ސަރަހައްދުގެ ތެރޭގައި އުޅަނދުތައް ދުއްވޭނެ އެންމެ ބާރުމިނަކީ 10 ނޮޓްސްކަން ފާހަގަކޮށް މުހްސިނާ ވިދާޅުވީ އެ ސަރަހައްދަށް ފަތުރުވެރިން ގޮވައިގެންދާ ގައިޑުންނަކީ ވެސް ވަކި ފެންވަރެއްގެ ބަޔަކަށް ވާންޖެހެއެވެ. އެގޮތުން ގައިޑުން މެނޭޖްމަންޓް ޕްލޭނަށް އަހުލުވެރިވުމަށްފަހު ހަދާ ހާއްސަ ޓެސްޓަކުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދަންޖެހެއެވެ. އަދި ގައިޑުންނަކީ ރެސްކިއު ޑައިވަރުންނަށް ވުމުގެ އިތުރުން "އިމަޖެންސީ ފަސްޓް ރެސްޕޮންސް" ސެޓިފައިޑް ބަޔަކަށް ވާންޖެހޭނެއެވެ. އަދި ގައިޑުންނަށް ފެހުރި ބެލުމަށް އެއްފަހަރާ ގެންދެވޭނީ ގިނަވެގެން 6 މީހުންކަމަށް މުހްސިނާ ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، މި ސަރަހައްދުން 8,000 އަށްވުރެ ގިނަ ފެހުރިހި ފެނިފައިވާއިރު، ވަކިވަކި 723 ފެހުރިހި ވަނީ ދެނެގަނެވިފައެވެ. އައު މެނޭޖްމަންޓް ޕްލޭނާއެކު މިހާރު އެ ސަރަހައްދު ބެލެހެއްޓުމަށް ރޭންޖަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
