ޝިވް ރަވައިލް ޑައިރެކްޓުކޮށް، އާލިއާ ބަޓް އާއި ޝަރްވަރީ ލީޑު ރޯލުން ފެނިގެންދާ އެކްޝަން ތްރިލާ ފިލްމު "އަލްފާ" ގެ ޓްރެއިލާ ބުދަ ދުވަހު އާންމުކޮށްފިއެވެ.
މި ޓްރެއިލާއިން ފިލްމުގެ ވާހަކައާއި މުހިންމު ކެރެކްޓަރުންތަކެއް ވަނީ ތައާރަފުކޮށްފައެވެ. މި ފިލްމުގައި ބޮބީ ޑިއޯލް ކުޅެފައިވަނީ ފަތޭ ނަމަކަށް ކިޔާ ނުބައިބައި މީހެއްގެ ރޯލެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، އޭނާ ވަނީ ކުޑަކުއްޖަކު ވަގަށް ނަގައި، އެ ކުއްޖާއަށް ސީތާގެ ނަމުން ނަންދީފައެވެ. ނަމަވެސް، ސީތާ ބޮޑުވުމަށްފަހު ފަތޭއަކީ އޭނާގެ އަސްލު ބައްޕަ ނޫންކަމާ، އޭނާއަކީ އަނިޔާވެރިއެއްކަން ހާމަވެއެވެ.
ފިލްމު 'އަލްފާ"ގެ ޓްރެއިލާއިން ފެންނަ ގޮތުގައި، އާލިއާ ކުޅެނީ އޭނާގެ ބައްޕަ (ބޮބީ ޑިއޯލް)ގެ އިރުޝާދުގެ ދަށުން އަހަރުތަކެއް ވަންދެން ތަމްރީނު ހޯދާފައިވާ އިންޑިއާގެ ސިފައިންގެ މީހެއްގެ ރޯލެވެ. މި ޓްރެއިލާއިން އާލިއާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދެއެވެ. މީގެ އިތުރުން، ޝަރްވަރީގެ ކެރެކްޓަރު ފުރަތަމަ ސީތާއާ ކުރިމަތިލާ ތަން ފެނުނު ނަމަވެސް، ފަހުން ދެ މީހުން ގުޅިގެން ފަތޭއާ ދެކޮޅަށް މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ޓްރެއިލާއިން ދީފައިވެއެވެ.
މިހާ ހިސާބުން އާލިއާ އަށް އެނގިގެންދަނީ އޭނާގެ ބައްޕަ ހިންގާ 'އަލްފާ' މިޝަނުގެ އަސްލު މަގުސަދަކީ އިންޑިއާއާ ދެކޮޅަށް ބަދަލުހިފުންކަމެވެ. ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ބުނެފައިވާ ގޮތުގައި، ފިލްމުގައި ޝަރްވަރީގެ ރޯލު ވަރަށް މުހިންމުވާނެތީ، އޭނާގެ ކެރެކްޓަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ސިއްރުކޮށްފައެވެ.
ފިލްމު "ވޯ 2" އިން ފެނިގެންދިޔަ އަނިލް ކަޕޫރުގެ ކެރެކްޓަރު ކާނަލް ވިކްރާންތު ކައުލް ވެސް މި ޓްރެއިލާއިން ފެނެއެވެ. އޭނާ ބުނާ ގޮތުގައި ފަތޭގެ އަލްފާ ޕްރޮގްރާމަކީ އިންޑިއާއަށް އޮތް ބޮޑު ނުރައްކަލެކެވެ. ޓްރެއިލާގެ އެންމެ ފަހު މަންޒަރުން، ރިތިކް ރޯޝަން ކުޅެފައިވާ މަޝްހޫރު ސްޕައި ކެރެކްޓަރު ކަބީރު ފެނިގެންދިއުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.
މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
