ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާއާއި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަނައިބު އަހުމަދު އުޝާމް ބޮޑެތި ކޮރަޕްޝަންތަކެއް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނެވިކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ވަނީ ފޭރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ޝަމްއާނަށް ހުކުމް ކުރަން މިއަދު 4:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވާއިރު، އޭގެ ކުރިން ޝަމްއާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ޝަމްއާން ވަނީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރު އިހުސާން ޖަރީމާ ހިންގެވި ކަމަށް ތުހުމަތު ކުރައްވައި ރައީސްގެ ސަމާލު ކަމަށް ޖެނުއަރީ 16، 2025 ގައި ގެންނެވިކަމަށް ވިދާޅުވެފައެވެ.
ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މި ކަން ކުރާ ވާހަކަ ރައީސް އަށް ދެންނެވިކަމަށާއި، ނަމަވެސް މިނިސްޓަރު އިހްސާން އާއި ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށް ރައީސް ވިދާޅުވިކަމަށެވެ.
މި ތުހުމަތުތަކާއި ހެކިތައް ރައީސްއަށް ހުށަހެޅުނު ވަގުތަކީ، އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާގައި ހުންނެވި ވަގުތެއް ކަމަށް ޝަމްއާން ވަނީ ވިދާޅުވެފައެވެ. ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް އިހުސާން ނުކުރާނެކަމަށް ރައީސް ވިދާޅުވެ "ލޯޔަލް ވުމަކީ ތިއީ ނޫން" ކަމަށް ވިދާޅުވެފައި ވާކަމަށެވެ.
މި މައްސަލައިގައި ވާނުވާ ބަންދުގައި ހުންނެވި ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ނިންމިއެވެ. ޝަމްއާން ވަހީދު ބަންދުން ދޫކޮށްލީ މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް އެދުމާ ގުޅިގެންނެވެ.
