ރާއްޖޭގައި ކާބޯތަކެތި އުފައްދާ އަދި ބަންދުކުރާ ފަރާތްތައް ދަފުތަރުކުރުމުގެ ހިދުމަތް، ސަރުކާރުގެ މައި ޕޯޓަލް ކަމަށްވާ "ވަން ގަވް" އަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެ އޮތޯރިޓީން އާންމުކުރި އިއުލާނެއްގައި ބުނި ގޮތުގައި، މިހާރު "ދިރިތި" ޕޯޓަލް މެދުވެރިކޮށް ދެމުންގެންދާ މި ހިދުމަތް، ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން ލިބޭނީ ވަން ގަވް ޕޯޓަލް މެދުވެރިކޮށެވެ. މި ބަދަލު ގެނައުމަށްޓަކައި، ޖޫން 3 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ދިރިތި ޕޯޓަލްއިން މި ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ.

އެމްއެފްޑީއޭއިން ބުނީ ޖޫން 7 ވަނަ ދުވަހުން ފެށިގެން މި ހިދުމަތަށް އެދި ހުށަހަޅަން ޖެހޭނީ ވަން ގަވް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މިހާތަނަށް ދިރިތި ޕޯޓަލްގައި ދަފުތަރުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު، ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އެހެންކަމުން، ކުރިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން ނުޖެހޭނެއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއެފްޑީއޭގެ ނަންބަރު 7603204 އަދި 3034221 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. ސަރުކާރުގެ ގިނަ ހިދުމަތްތަކެއް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ތައާރަފުކުރި ވަން ގަވް ޕޯޓަލްއަށް، ދައުލަތުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް އަންނަނީ ބަދަލުކުރަމުންނެވެ.